ޢިބްރަތްތެރި ވާހަކަ: ކުރާ އެއްވެސް ކަމެއް ކަމުނުދިއުމުގެ އިތުރުން ސިފަވެސް މުސްކުޅިވެފަ ހުތުރުކަމުން ވަރިކުރި އަނބިމީހާއަށް އާދޭސްކުރަން ޖެހުނު ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 38ސ
ޢިބްރަތްތެރި ވާހަކަ: ކުރާ އެއްވެސް ކަމެއް ކަމުނުދިއުމުގެ އިތުރުން ސިފަވެސް މުސްކުޅިވެފަ ހުތުރުކަމުން ވަރިކުރި އަނބިމީހާއަށް އާދޭސްކުރަން ޖެހުނު ފިރިއެއްގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް އަހަރުވީފަހުން ފިރިމީހާއަށް އަބަދުވެސް ފެންނަނީ އަޅުގަނޑުގެ އުނި ސިފަތަކެވެ. އަޅުގަނޑު ލާ އެއްވެސް ހެދުމެއްވެސް ކަމަކު ނުދެއެވެ. ދެމީހުން އެކުގައި ގޮސް ގަންނަ ހެދުންވެސް ދެފަހަރަކުލާންވާއިރަށް ކަމަކު ނުދެއެވެ. ކައްކާ އެއްވެސް އެއްޗެއް މީރެއްވެސް ނުވެއެވެ. ސިފަވެސް ވަރަށް ހުތުރުވެއްޖެއެވެ.  

ޓީވީއަކުން މަޝްހޫރު މޮޑެލެއް ފެނުނަސް ތަންކޮޅެއް ސިފަ ރީތި އަންހެނަކު ފެނުނަސް އެމީހަކާއި އަޅުގަނޑާއި އަޅުވައި ކިޔައެވެ. މަލާމާތާއި ފުރައްސާރަކުރެއެވެ. އެމީހުންގެ ރީތިކަމަށާއި ލައިގެން ތިބޭ ހެދުމަށް ބަލައި އަޅުގަނޑަށް ފުރައްސާރަކުރެއެވެ.  

ދުވަސްކޮޅެއް ފަހުން އޭނާ އާއިއެކު ބޭރަށް ގެންދިއުން މުޅިން ހުއްޓައިލިއެވެ. ބުނަނީ އަޅުގަނޑުގެ ސިފަ މުސްކުޅި އަންހެނަކާއި އެއްގޮތް ކަމަށެވެ. އެހެންވެ އެކުގައި ބޭރަށް ގެންދަން ލަދުގަންނަ ކަމަށެވެ.  

މަލާމާތާއި ފުރައްސާރަކުރަމުން ގޮސް އެއްދުވަހަކު ގެއަށް އައިގޮތަށް ކޮޓަރިއަށްވަދެ އަލަމާރީގައި ހުރި އަޅުގަނޑުގެ ހެދުންތައް ނަގައި ބެލްކަނީން ބޭރަށް އުކާލިއެވެ. ރޮއިރޮއި ހުއްޓާ ވަރިކޮށްލާފައި ކޮށްޕާ ގެއިން ބޭރުކޮށްލިއެވެ.  

ދެން އެހެން ގޮތެއް ނެތުމުން ހެދުންކޮޅު ބިންމަތިން ނަގަން މަސައްކަތްކުރަންފެށީމެވެ. މަގުމަތިން ފެނުނު ކޮތަޅަކަށް ހެދުންކޮޅު އަޅަންފެށީމެވެ. ހެދުންކޮޅު ހޮވިނަމަވެސް ހިފައިގެން ދާނެ ވަކިތަނެއް ނެތުމުން ވަރަށް ކަންބޮޑުވިއެވެ.  

އެޙާލުގައި ރޮމުން ހެދުންކޮޅު ހޮވަމުން ދަނިކޮށް އަވަށްޓެރި ޒުވާނަކު އައިސް އަޅުގަނޑަށް ހިތްވަރުދިނެވެ. ހެދުންކޮޅު ނަގައި ކޮތަޅަށް އެޅުމުގައި ބައިވެރިވިއެވެ. އަދި ރުއިން ހުއްޓާލާފައި އޭނާއާއިއެކު އޭނާގެ ގެއަށް ދިއުމަށް ދަޢުވަތުދިނެވެ.   

އެޒުވާނާއަކީ މީގެ ކުރިން ދެ ދުވަހަކު އަޅުގަނޑަށް ހަމްދަރުދީވެ އެހީތެރިވެދޭން މަސައްކަތްކުރި ޒުވާނެކެވެ. އެއްދުވަހަކު ގޭދޮރުމަތީގައި ތިބެގެން ފިރިމީހާ އަޅުގަނޑަށް ނުބައިބަސްތައް ބުނާތީ ރޯން ހުއްޓައި އައިސް އަޅުގަނޑަށް ހަމްދަރުދީގެ ބަހެއް ބުނުމުން ފިރިމީހާ އޭނާގެ ގައިގައި ތަޅައިނުގަތީވެސް ކިރިޔާއެވެ. ބުނީ މިއީ އަހަރެމެން 2 މީހުންގެ މައްސަލައެއް ކަމަށާއި 3 ވަނަ މީހަކާއި ބެހޭ ކަމެއް ނޫން ކަމަށެވެ.  

އަނެއް ދުވަހަކު ފިރިމީހާ ހެނދުނު ގެއިން ނުކުންނަމުން ކުރި ފުރައްސާރައަށް ދެރަވެ ރޮމުން ގޭ ދޮރުމަތީގައި ހުރި ގަސްތަކަށް ފެންދޭން ހުއްޓާ ފެނިގެން އައިސް ސުވާލުކޮށްފައި އަޅުގަނޑު ރޯ ސަބަބާއިމެދު ސުވާލުކުރުމުން އަޅުގަނޑަށް ބުނެވުނީ ނުރޯ ކަމަށާއި ލޮލަށް އެއްޗެއް ވެއްޓިގެން ފެން އަންނަނީ ކަމަށެވެ. އެދުވަހު އޭނާ ބުނީ ފެންނަނީ އަބަދުވެސް ކަލޭގެ ލޮލަށް ކޮންމެވެސް އެއްޗެއް ވެއްޓިގެން އުޅެންޖެހޭ ތަންކަމަށެވެ. އަދި އަޅުގަނޑަކީ އެޙާލުގައި އުޅެންޖެހެންވީ އަންހެނެއް ނޫންކަމަށްވެސް ބުންޏެވެ. 

މިހަނދާންތައް އައުމުން އެޒުވާނާއަކީ އަޅުގަނޑަށް ރަޙުމްކުރާ ޒުވާނެއްކަން ހިތަށް އައިސް އޭނާގެ ބަސް ޤަބޫލުކޮށް އޭނާއާއިއެކު އެގެއަށް ދިއައިމެވެ. އޭނާގެ މައިންބަފައިންގެ ރުހުމާއިއެކު އެގޭގައި އަޅުގަނޑު ހުރީމެވެ. އަޅުގަނޑު ދިއައީ އަމިއްލަ މައިންބަފައިން ފަދައިން އެދެމަފިރިންނަށް ޚިދުމަތްކުރަމުންނެވެ. 

އެގޭގައި ހުންނަތާ ދުވަސްކޮޅެއްފަހުން އަޅުގަނޑުގެ ޢަމަލުތަކަށް ބަލައި އަޅުގަނޑާއި އެޒުވާނާގެ ކައިވެނިކުރުވަން އިސްނެގީ މަންމައާއި ބައްޕައެވެ. އެކަމަށް އަޅުގަނޑުވެސް ރުހުނީމެވެ. އެއީ އެންމެ ބޮޑަށް ޙާލުގައި ޖެހުނު ދުވަހު ހިތްވަރުދީ އެހީތެރިވީ އޭނާކަމަށްވުމުން ޝުކުރުވެރިވުމުގެ ގޮތުންނެވެ.   

ކައިވެނިކުރެވުނެވެ. ތެދަށް ބުނާނަމަ ފިރިމީހާގެ ކިބައިން މަހެއްހައި ދުވަހުގެ ތެރޭގައި ލިބުނު ލޯތްބާއި އަޅައިލުން ބޮޑުކަމުން ކުރީގެ ފިރިމިހާ އާއިއެކު ހޭދަކުރި 4 ވަރަކަށް އަހަރު އުޅެންޖެހުނު ހިތްދަތިޙާލު އެކުގައި ހަނދާން ނެތުނެވެ. އެހަނދާންތައް މުޅިން ފިލައިގެންދިއައެވެ.  

ކައިވެންޏަށް ދެވަނަ އަހަރު ދަރިއަކުވެސް ލިބުނެވެ. ދެމަފިރިން ދަރިފުޅުވެސް ގޮވައިގެން ބާޒާރަށް ގޮސްއުޅުމުގެ ތެރޭގައި ފިރިމީހާ ދަރިފުޅު ގޮވައިގެން ދުރަށް ޖެހިލި ވަގުތަކު ކުރީގެ ފިރިމީހާ އައިސް ބައްދަލުކޮށްފައި ބުންޏެވެ. "މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެންނެވެ. އަހަރެންނަށް ކަންކަން ކުރެވުނު ގޮތާއިމެދު ވަރަށް ދެރަވަމެވެ. އެކަމުގެ ހިތިކަންވެސް ތަޖުރިބާކޮށްފީމެވެ. މާރަނގަޅުވާނެކަމަށް ހީކޮށް ގުޅެވުނު މީހާވީ ވަރަށް ނުބައި އަންހެނަކަށެވެ. އަހަރެންގެ ގެދޮރާއި ތަނަވަސްކަމަށް ދަހިވެތިވެގެން އުޅުނު ޚިޔާނާތްތެރިއަކަށެވެ. އެހެންވެ އޭނާ ދޫކޮށްލައިފީމެވެ. ބޭނުންވަނީ އަލުން ގުޅި ލޯބިން ދިރިއުޅޭށެވެ."  

އަޅުގަނޑު ބުނީމެވެ. "އެކުގައި ހޭދަކުރި 4 އަހަރުގެ ތެރެއިން 3 އަހަރު ހޭދަކުރަން ޖެހުނީ ވަރަށް ބޮޑު ހިތްދަތިކަމެއްގައެވެ. ޖެހުނީ އަބަދު ކަރުނަ އަޅާށެވެ. ވަރިކޮށްލާފައި މަގުމައްޗަށް ހޫރައިލީ ޖަނަވާރަކަށްވުރެވެސް ދަށު ދަރަޖައިގައެވެ. ކަލެއަށް އަހަރެންގެ އެއްވެސް ކަމެއް ކަމުނުދިއަ ނަމަވެސް އަހަރެންގެ ހުރިހާ ކަންކަން ވަރަށް ކަމުދާ ފިރިއަކު ލިބިއްޖެއެވެ. ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. ދެންވެސް ކަލޭގެ ޢަމަލުތައް އިޞްލާޙްކޮށް، އަނިޔާވެރިނުވެ، އެކުގައި ދިރިއުޅޭނެ އަންހެނަކު ހޯދައިގެން އަވަހަށް ދިރިއުޅުމެއް ފަށާށެވެ! އަހަރެންނާއި ވާހަކަ ދައްކަންވެސް ދެން މަސައްކަތް ނުކުރާށެވެ!"  

އެހިސާބަށް ބުނެވުނުތަނާ ފިރިމީހާ އައިސް ލޯބިން ބައްދާލާފައި އަހަރެން ގޮވައިގެން ހިނގައިގަންނަމުން ބުންޏެވެ. 3 ވަނަ މީހަކަށް އަހަރެމެން ދެމީހުންގެ ދެމެދަށް ވަނުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ." އެއީ ކުރީ ދުވަހު އޭނާ ބުނިބަސްކަން ހަނދާންވުމުން ވަރަށް ލޯބިން ގައިގައި ވަރަށް ބާރަށް ބައްދައިވެސް ލެވުނެވެ.  

މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މުޖުތަމައުގައި ދިރިއުޅޭ ގޮތް ތަފާތުވުމުން ކުރިމަތިލާންޖެހޭ މައްސަލަތައް ތަފާތު ނަމަވެސް މިއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ކަންކަން ހިނގަމުން އަންނަ ގޮތެވެ. އަނބިމީހާ ތަންކޮޅެއް ބޮޑަށް ލޯބިވާހެން ހީވެފައި ނިކަމެތިނަމަ ހަމަ މިގޮތަށް އަނބިމީހާއާއިމެދު ކަންކަންކުރާ ފިރިން އަޅުގަނޑުމެންގެ ތެރޭގައިވެސް ހަމަ ބައިވަރެވެ!  

އެފަދަ ފިރިންނަށް މިއީ ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. ނިންމާލަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އަންހެނުންނަށް ބުނެލަން އޮތީ މޫދުން މަހެއް ހުހެއް ނުވާނެއެވެ. ރަނގަޅު އަންހެނުންނަށް ފިރިންވެސް ހުހެއް ނުވާނެއެވެ.

 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން