5 މިލިއަން ގަސް ޕްރޮޖެކްޓުގައި 750,000 ގަސް އިންދުމަށް އެސް.ޑީ.އެމްއިން އެއްބަސްވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
5 މިލިއަން ގަސް ޕްރޮޖެކްޓުގައި 750,000 ގަސް އިންދުމަށް އެސް.ޑީ.އެމްއިން އެއްބަސްވެއްޖެ

ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް ޕްރޮޖެކްޓުގެ ދަށުން 750,000 (ހަތްލައްކަ ފަންސާސްހާސް) ގަސް އިންދުމަށް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސް.ޑީ.އެމް) އިން މިއަދު އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެސް.ޑީ.އެމްގެ އިސް ފަރާތްތަކާއި، 5 މިލިއަން ގަސް ޕްރޮޖެކްޓުގެ އިސްވެރިން ބައިވެރިވިއެވެ.

އެސް.ޑީ.އެމްގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަކީ އެ ޕާޓީގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މި ޕްރޮޖެކްޓުގައި ބައިވެރިވުމަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓުގައި ބައިވެރިވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި، މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެސް.ޑީ.އެމްއިން މި އެއްބަސްވުމުގެ ދަށުން އިންދާ 750,000 ގަސް، ރާއްޖޭގެ އެކި ރަށްރަށުގައި އިންދުމަށް ވަނީ ރޭވިފައެވެ.

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ މިއަހަރުގެ ތިމާވެށީދުވަހު އިފްތިތާހްކުރެވުނު ޤައުމީ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ.

މިއަދު އޮންލައިން