ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވުނު، ފަޅުރަށްތައް ހޯދުމަށް ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ވަޒަންކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މި އިސްނެންގެވުމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ކުރައްވާ މުހިންމު މަސައްކަތްޕުޅެއް. މިކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުފާފާގަތިކަން ލިބި، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްޤީ އެރަށްތަކަށް ގެނައުމަށް މަގުފަހިވެގެންދާނެ," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަޅުރަށެއް ލިބުމަކީ އެރަށެއްގެ ރައްޔިތުންނަށާއި ކައުންސިލަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެކެވެ. އަދި މިއީ އެކި މަސައްކަތްތައް ކުރުމަށް އެރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ފުރުޞަތެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފަޅުރަށްތައް ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރި 3 ރަށު ކައުންސިލަކުން ހުށަހެޅި ޕްރޮޕޯސަލްތައް ވަޒަންކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި އެ ކައުންސިލްތަކާ ފަޅުރަށްތައް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ ކައުންސިލްތަކަށް ހުޅުވާލަދެއްވި ވަރަށް މުހިންމު ފުރުޞަތެއް. މިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ އަދި ވަރަށް ގިނަ ފުރުޞަތުތަކެއް އެބަހުރި," ވަޒީރު ވިދާޅުވިއެވެ.

މި އިސްނެގުމަކީ ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށާއި، ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން