ހުޅުމާލޭގައި ހިނގި މަރުގެ އެކްސިޑެންޓް: ކާރު ދުއްވި ވިސާމް މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ހުޅުމާލޭގައި ހިނގި މަރުގެ އެކްސިޑެންޓް: ކާރު ދުއްވި ވިސާމް މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި މައްސަލައިގައި ކާރު ދުއްވި ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މި އެކްސިޑެންޓް ހިނގ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރަކާ ސައިކަލެއް ޖެހުމުން ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ ލ. އިސްދޫ، ބީޗްހައުސް، އުމުރުން 23 އަހަރުގެ ޙަސަން ސަމާހްއެވެ. ސައިކަލު ދުއްވަމުން ދިޔަ ސަމާހް މަރުވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ފުލުހުންގެ ބަޔާނުގައި ދައުވާކުރުމަށް ފޮނުވާފައިވާ ފަރާތަކީ ސ. ހިތަދޫ ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ކަމަށް ބުނެފައިވެއެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކާރު ދުއްވި މުޙައްމަދު ވިސާމް ވަނީ ހައްޔަރުކުރެވިފައެވެ. އަދި ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި ނިންމުން ވިސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ހައިކޯޓުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅާފައެވެ.

މި ހާދިސާއާ ގުޅިގެން ތަޙްޤީޤު ކުރިއަށް ގެންދިޔަ ފުލުހުން، މައްސަލައިގެ ތަފްސީލު ހާމަކުރުމާއެކު، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މިއަދު އޮންލައިން