ފީތަކާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށެވެ.
"ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް މިހާރު ހޯދައިފިން. މިހާރު ނުލިބި ވަނީ 703 މިލިއަން ރުފިޔާ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަން ފެށުނީ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. މިހާތަނަށް 6,891 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށާއި، 82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ އަމާޒަކީ 1 އަހަރު ތެރޭގައި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުން ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ބާރުމިނުގައި ކުރިއަށްދާނަމަ، އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެ މަޢުލޫމާތު އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ލަފާކުރައްވާ ކަމަށެވެ. އަދި މި އޮޕަރޭޝަން ވަރަށް އަވަހަށް މާލޭ ސަރަޙައްދުގައިވެސް ފަށްޓަވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.