އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ކުރިއަށް ގެންދާ އިސްލާމީ އަޤީދާއާއި ބެހޭ ތިން ވަނަ ދައުރާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިއްޔެ ހެނދުނު ފެށި ދައުރާގެ ދަންފަޅިތައް ނަންގަވައިދެއްވީ ސަޢުދީ ޢަރަބިއްޔާގެ ޖާމިޢަތުލް އިމާމް މުޙައްމަދު ބުން ސަޢުދް އަލްއިސްލާމިއްޔާގެ ދެ ޕްރޮފެސަރުންކަމަށްވާ ޑރ. މުޙައްމަދު ބުން ޢަލީ ޢަބްދުލްލަޠީފްއާއި ޑރ. މުޙައްމަދު ބުން ފަޙްދް އަލްފުރަޢިޙްއެވެ.
މި ދައުރާގައި އަޤީދާއާއި ބެހޭ މުހިއްމު މައްސަލަތަކާއި ގުޅޭ ގޮތުން ވަނީ ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ. މި ދައުރާގައި ދީނީ ޢިލްމުވެރިންނާއި، ޚަޠީބުންނާއި، އިމާމުންގެ އިތުރުން ސްކޫލް ދަރިވަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.
މި ދައުރާއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަހަރު ކުރިއަށް ގެންދެވުނު ތިން ވަނަ ދަޢުރާއެވެ.
މި ތިން ދައުރާގައިވެސް ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.