އަޅުގަނޑުމެން ދެމަފިރިންގެ ކައިވެންޏަށް 2 ވަނަ އަހަރު ވަރަށް ލޯބިލޯބި އަންހެން ދަރިއަކު ލިބުނެވެ. އޭނާގެ ޢުމުރުން 5 އަހަރުގައި ކައިވެނި ރޫޅުނެވެ. އެކަމުގައި އަނބިމީހާ ކުށްވެރިކުރާކަށްވެސް އަދި އަޅުގަނޑު ކުށްވެރިވާކަށްވެސް ނެތީމެވެ. ދެމީހުން ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެމީހުންނަށްވެސް ޤަބޫލުކުރެވިގެން ވަކިވީއެވެ.
ވަކިވުމަށްފަހުގައިވެސް ދަރިފުޅަށް ކޮށްދޭންޖެހޭ ހުރިހާ ކަންކަން ކޮށްދެމެވެ. ބައްޕައެއްގެ ފުރިހަމަ ޒިންމާ އަދާކުރަމެވެ. ގެއަށް ގެނެސްގެންވެސް ދަރިފުޅު ގެންގުޅެމެވެ. ދެމީހުންވެސް އައީ ދަރިފުޅަށް ލޯބިދީ އެކަމުގައި ބާއްވަންޖެހޭ ގުޅުން ބާއްވަމުންނެވެ.
އެކަނި 2 އަހަރުހުރުމަށްފަހު ކައިވެންޏެއް ކުރީމެވެ. އޭނާގެ ކިބައިން ކުރުވި އެންމެ މުހިންމު ޝަރުޠަކީ އަޅުގަނޑާއި ދަރިފުޅާއި ދެމީހުންގެ ދެމެދަށް ނުވަނުމެވެ. ބައްޕަގެ ޒިންމާ އަދާކުރަން ހުރަސް ނުއެޅުމެވެ. އަދި ދޮންމަންމައަކަށްވީނަމަވެސް ދަރިފުޅަށް ލޯބިދިނުމެވެ. ކައިވެނިކުރީ އެހުރިހާ ކަމަކަށް އެއްބަސްވެގެންނެވެ.
ކައިވެންޏަށްފަހު އަނބިމިހާގެ ވިސްނުން ބަދަލުވިއެވެ. ދަރިފުޅުގެ ކަންކަމުގައި ދަރިފުޅުގެ މަންމަ އާއި ވާހަކަދައްކައި އުޅުމަކީ ގޯހެއްކަމަށް ދެކެން ފެށިއެވެ. އެކަމުގެ ސަބަބުން ދެމަފިރިންގެ ގުޅުމަށް ހުރަސް އެޅިދާނެކަމަށް ދެކެން ފެށިއެވެ. އެކަމަށް ކުރި ނަފްރަތުގެ ތެރެއިން ދަރިފުޅު ދެކެވެސް ރުޅިއަންނަން ފެށިއެވެ.
އެކަންކަން އެގޮތަށް ނުކުރަންބުނެ އިޞްލާޙްވާން ވަރަށް ގިނަ ފުރުޞަތުދިނީމެވެ. ނަމަވެސް ޤަބޫލެއް ނުކުރިއެވެ. އެންމެފަހުން ބުނީ އޭނާ ނުވަތަ ދަރިފުޅު ކަމަށެވެ. އެހިސާބަށް ކަންކަން ގެންދިއުމުންވެސް ވިސްނައިދޭން ވަރަށް މަސައްކަތްކުރީމެވެ. އެއީ ކުރެވުނު ދެވަނަ ކައިވެނިވެސް ފޭލްވެގެންދާތީ ވީދެރައިންނެވެ.
ވިސްނައިދޭން ކުރި މަސައްކަތްތަކުން އެއްވެސް މަގެއް ނުދެއްކުމުން އަޅުގަނޑު ޚިޔާރުކުރީ ދަރިފުޅެވެ. އެއީ އަދިވެސް އަންތބަކު ލިބިދާނެތީއާއި ދަރިފުޅު ދޫކޮށްލައިފިނަމަ ﷲ ގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވެވޭތީއެވެ. އަދި އިތުރު ދަރިއަކު ލިބިފައިނެތުމުން ހުރި އެންމެ ދަރިފުޅަކީ އެންމެ އަގުބޮޑު ރައުސުލްމާލް ކަމަށް ދެކެގެންނެވެ.
3 ވަނައަށް ކައިވެނިކުރެވުނު އަނބިމީހާވީ ވަރަށް ރަނގަޅު އަންތބަކަށެވެ. އޭނާ އަޅުގަނޑުގެ ދަރިފުޅުގެ މަންމަ އާއި ގުޅުން އުފެއްދިއެވެ. ދަރިފުޅު ގޮވައިގެން ދެމައިން އެކުގައި ތަންތަނަށްގޮސްވެސް ހަދައެވެ. އަމިއްލައަށް ބަލައިގޮސް ދަރިފުޅު ގެއަށް ގެނެސްގެން ވެސް ގެންގުޅެއެވެ. ގޭގައި ގެންގުޅޭއިރު މައަކު ފަދައިން ދަރިފުޅަށް ލޯބިވެސްދިނެވެ.
އެކަންކަމުގެ ނަތީޖާއަކަށްވީ އަޅުގަނޑުގެ ހިތުގައި އަނބިމީހާއަށް އިންތިހާއަށް ލޯބި އިތުރުވުމެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުގެ ތަނަވަސްކަމުން އިމެއް ނެތި އަނބިމީހާގެ ޢާއިލާއަށް ޚަރަދުކުރީމެވެ. އެތަން ފެންނަން ފެށުމުން ދެވަނަ އަނބިމީހާ ވަރަށް ދެރަވެފައި ދެވަނަ އަންތބެއްގެ ގޮތުގައި ނަމަވެސް އަލުން ކައިވެނިކުރަން ބޭނުންވިއެވެ. ނަމަވެސް އެއީ އަނބިމީހާގެ ހިތް ބަދަލުވެދާނެ ސަބަބަކަށްވެދާނެތީ އެކަން ނުކުރީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ކިޔައިދިނުމުގެ ބޭނުމަކީ ކައިވެނިކުރާއިރު ކުރިން ލިބިފައިވާ ދަރިން ތިބިނަމަ އެއީ އަމިއްލަ ދަރިންގެ ގޮތުގައި ދެކެންޖެހޭނެ ކަމާއި އެއީ ދެމީހުންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް ކަމަށް ބުނުމެވެ. ހަމައެއާއިއެކު ކައިވެނިކުރެވުނު 3 އަންހެނުންގެ ތެރެއިން އެންމެ ރީތީ ވެސް 2 ވަނަ އަނބިމީހާއެވެ. އެންމެ ބޮޑަށް ބޭނުންވީވެސް އޭނާއެވެ. ނަމަވެސް އެކަން ބަދަލުކޮށްލުވީ 3 ވަނަ އަނބިމީހާގެ ޢަމަލުތަކުންކަންވެސް ފާހަގަކުރަމެވެ. މިބުނީ އޭނާ އަޅުގަނޑުގެ ދަރިފުޅާއިމެދު ކަންކަން ކުރިގޮތުން ކަމެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ދިރިއުޅުމަށް އަޅުގަނޑުގެ މިވާހަކަކޮޅުން ފައިދާއެއް ކުރާނެ ކަމަށް ހީކުރަމެވެ.
- މޫސަ / މިއަދުނޫހުގެ ކިޔުންތެރިއެއް