މަސްތުވާތަކެއްޗާ ގުޅޭ 335 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
މަސްތުވާތަކެއްޗާ ގުޅޭ 335 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވައިފި

މަސްތުވާތަކެއްޗާ ގުޅޭ 335 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން ރާ އަދި ބަނގުރާ ފުޅި އަދި ދަޅު ހިމެނޭހެން 8،300 އަށްވުރެ ގިނަ ތަކެތި އަތުލައިގެންފަވާއިރު އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 328 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ގުޅޭ 335 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާފަވާއިރު މާލެ އާއި އަތޮޅު ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ 155 އޮޕަރޭޝަނެއް ހިންގާފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

"12،000 އަށްވުރެ ގިނަ ތަން ބަލާ ފާސްކޮށްފައިވޭ. މަސްތުވާތަކެއްޗާ ގުޅިގެން 900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވޭ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ 145 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވޭ" ކޮމިޝަނަރ އޮފް ޕޮލިސް

ސީޕީ ވިދާޅުވީ 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް 177 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

މީގެ އިތުރުން ސީޕީ ވަނީ ފުލުހުންގެ އެތެރޭގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރުވެސް 360 އަށްވުރެ ގިނަ ފުލުހުން ދ. ވާނީގެ އިތުރުން އައްޑޫ ސިޓީގަ ތަމްރީން ހަދަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"މީގެ ބޭނުމަކީ އެ ކުދިން ޓްރެއިން ނިންމާ ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވުމަށްފަހު ރައްޔިތުންނަށްދޭ ޚިދުމަތްތައް މާބޮޑަށްވެސް ރަނގަޅުކުރެވިގެންދާނެ ކަމަކަށްވާތީވެ އަޅުގަނޑުމެންގެ ތެރޭގަ ޓްރެއިން ނަހަދާ ތިބި ފުލުހުން ވީހާވެސް އަވަހަކަށް ޓްރެއިން ހެދޭނެ ގޮތެއް ބަލާ އެ މަސައްކަތް އަޅުގަނޑުމެން ކުރަމުންމިދަނީ. އަދިވެސް 500އަށް ވުރެ ގިނަ ރެކްރޫޓު ޚިދުމަތުގަ މަސައްކަތް ކުރަމުންއެބަދޭ. އަޅުގަނޑު މިބަލަނީ އަންނަ އަހަރު ނިމުމުގެ ކުރިން މި އަދަދު އެއްކޮށް ކްލިއަރ ކުރެވޭތޯ" ކޮމިޝަނަރ އޮފް ޕޮލިސް

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް 48 ފުލުހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ ތެރެއިން 17 ފުލުހަކު ފުލުހުންގެ ޚިދުމަތުން ވަކިކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން