ދުންފަތާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދުންފަތާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެ

ދުންފަތާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ފާހަގަކުރެއްވީ އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު އަލީ އިޙްސާން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ދައުރުގައި ދުންފަތާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި ލޯ އެންފޯސްމަންޓް އެޖެންސީތަކުން ޤާނޫނުގައިވާ ގޮތުގެ މަތިން މަސައްކަތްކުރާނެއެވެ. އަދި މިކަމުގެ ސަބަބުން ދުންފަތް ކޮންޓްރޯލްކުރުމުގައި ތަފާތު މަންޒަރެއް ފެނިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، ދުންފަތާބެހޭ ޤާނޫނުގައި އޮންނަ އަކުރާ ފިއްޔާ ދިމާވާ ވަރަށް ރައީސުލްޖުމްހޫރިއްޔާގެ މި ޒަޢާމަތުގައި ލޯ އެންފޯސްމަންޓް އެޖެންސީތަކުން އެކަން ކުރައްވާނެ. ތި ބޭފުޅުންނަށް ތަފާތު މަންޒަރެއް ފެނިގެންދާނެ ދުންފަތް ކޮންޓްރޯލްކުރުމުގައިވެސް އަޅުގަނޑުމެން ތަންފީޒީ އިދާރާތަކުން މަސައްކަތްކުރާ ގޮތުގައި،" ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

މީގެއިތުރުން އިޙްސާން ވިދާޅުވީ ސިނގިރޭޓުގެ ބްލެކް މާކެޓް އުފެދުމުގެ ފުރުސަތު އޮތްކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެކަން ކޮންޓްރޯލްކުރެވޭނެ ކަމަށް ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ. "އަޅުގަނޑުމެން މިހާރުވެސް ވަނީ ބްލެކް މާކެޓް ހުއްޓުވުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލާފައި. މި ޕްލޭން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތްކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލްކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރާވާއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމާއި، އެފަދަ ތަކެތި ވިއްކޭ އުމުރު 21 އަހަރަށް ބަދަލުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ވޭޕް މަނާކުރުމަށްވެސް ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން