ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ދަރަނީގެ މައްސަލައަށް ހައްލު ހޯދުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ދަރަނީގެ މައްސަލައަށް ހައްލު ހޯދުމަށް މަޝްވަރާކޮށްފި

ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ދަރަނީގެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރެވުނީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. އެ މަނިކުފާނު ވަނީ ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ކުދި ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކާއި، މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިމެނެއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށްވެސް އަލިއަޅުވާލެވުނެވެ.

މީގެ އިތުރުން، ކުދި ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިސްލާހުކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އަދި ކުދި ގައުމުތަކުގެ ދަރަނީގެ މައްސަލައަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ކުދި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ ބައްދަލުވުމުގެ ކޯޗެއަރކަން ކޮށްފައިވަނީ ސަމޯއާ އާއި އެސްވާޓިނީއެވެ.

މި ބައްދަލުވުން ބޭއްވެނީ ސަމޯއާގައި މި އޮކްޓޫބަރު މަހުގެ 22 އިން 26 އަށް ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

މިއަދު އޮންލައިން