2026 ވަނަ އަހަރުގެ ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރަކަށް ރާއްޖެ ހޮވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
2026 ވަނަ އަހަރުގެ ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރަކަށް ރާއްޖެ ހޮވައިފި

ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރ އެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހިއްޖެއެވެ. މާލީ ވުޒާރާއިން މި މަޢުލޫމާތު ހާމަކޮށްފައިވެއެވެ.

2026 ވަނަ އަހަރު ބާބާއްވާ މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއެކު ކޯޗެއަރކަން ކުރާނީ އެއަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމާއެކުއެވެ. މި ބައްދަލުވުމުގެ ކޯޗެއަރ އެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތްކުރާނީ ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށެވެ.

މާލީ ވުޒާރާއިން ބުނެފައިވަނީ، ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމުގައެވެ.

މިހާރު ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އެމަނިކުފާނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސަމޯއާގެ އަޕިއާގައި މި އޮކްޓޫބަރު މަހުގެ 22 އިން 26 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން