އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް މައުލޫމާތުދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް މައުލޫމާތުދީފި

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ހަރަތާކެއް ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރު 22 ވަނަ ދުވަހުގެ ހަވީރު ޕާކު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި އޮކްޓޫބަރު މަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި، ރައްކާތެރިކަމާއެކު މީސްމީޑިއާ ބޭނުންކުރާނެގޮތް، ރައްކާތެރި ޕާސްވޯޑު ބޭނުންކުރުމުގެ މުހިންމުކަން އަދި އެފަދަ ޕާސްވޯޑުގައި ހުންނަންވީ ސިފަތައް ކިޔައިދީފައިވެއެވެ. އަދި ޓޫފެކްޓަރ އޯތެންޓިކޭޝަން، މަލްޓި ފެކްޓަރ އޯތެންޓިކޭޝަން ހެދުމުގެ މުހިންމުކަން ބުނެދީ އޯތެންޓިކޭޝަން ހަދާނެގޮތް ދަސްކޮށްދީފައިވެއެވެ.

އޭގެ އިތުރުން، ޕިޝިން ލިންކުގެ ބާވަތްތަކާއި އެފަދަ ލިންކުތަކަށް ސަމާލުވެ ރައްކާތެރިވުމަށް މައުލޫމާތުދިނުމާއެކު މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކުގެ ސޮފްޓުވެއާ އަޕްޑޭޓްކުރުމުގެ މުހިންމުކަމާއި އަޕްޑޭޓްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް އެހެނިހެން މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މައުލޫމާތުދީފައިވަނީ އަޑުގަދަކުރާ ބޭނުންކޮށްގެންނާއި މީހުން ކައިރިއަށް ގޮސް ބައްދަލުކޮށް ކިޔައިދިނުމުގެ އިތުރުން ޕޯސްޓަރު އަދި ލީފްލެޓް މެދުވެރިކޮށެވެ.

ސައިބަރ ކްރައިމް ސެންޓަރުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ނެއިބަހުޑް ސަޕޯޓާއި ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއެކުގައެވެެ.

 

 

މިއަދު އޮންލައިން