ދިވެހި ރައްޔިތުންނަށް ދަތިވާ ކަންކަން ޙައްލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެއްވާ އެއްބާރުލުމަށް ސަރުކާރުން ޝުކުރު އަދާކޮށްފިއެވެ.
މިކަމާގުޅިގެން ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 24 ޑިސެމްބަރު 2023 ގައި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ތަންފީޒުކުރަން ފެށުމުގެ ގޮތުން، ބޭރު ޤައުމުތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު އަންނަ މަހުން ފެށިގެން 1200 ޑޮލަރަށް އިތުރުކޮށްދިނުމަށް ބީއެމްއެލްއިން ނިންމާފައިވާކަމަށާއި މިއީ އެ ދަރިވަރުންނާއި އެ ދަރިވަރުންގެ ޢާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަދި ދިވެހި ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުމުގައާއި މާލީ މުޢާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް އެހީތެރިވަމުން ދާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.
މީގެއިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމްދަނީގެ މަންފާ ރައްޔިތުންނަށް އިތުރުވަމުންދާނެ ތިޔާގި ދުވަސްތަކެއް ޤައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިޞްލާޙީ ފިޔަވަޅުތައް ހަރުދަނާކަމާއެކު ދެމެހެއްޓުމަށް އިސްކަންދޭނެ ކަމަށްވެސް ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ.