ތަނަވަސްކަން ކިތަންމެ ބޭނުމަސް ދެމަފިރިއެއްގެ ދެމެދަށް ވަންނަން މަސައްކަތްކުރުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް! އެއީ ގިނަ ބައަކަށް ކަރުނައަޅަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 35ސ
ތަނަވަސްކަން ކިތަންމެ ބޭނުމަސް ދެމަފިރިއެއްގެ ދެމެދަށް ވަންނަން މަސައްކަތްކުރުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް! އެއީ ގިނަ ބައަކަށް ކަރުނައަޅަންޖެހޭ ކަމެއް!

އެންމެންވެސް ތަނަވަސްކަން ބޭނުންވާނެއެވެ. ތަނަވަސްކަމަކީ ކިތަންމެ ވަރަކަށް ލިބުނަސް ހިތްފުރޭވެއް ކަމެއް ނޫނެވެ. އިތުރަށް ލިބެން ބޭނުންވާ ކަމެކެވެ. ތަނަވަސްކަން ލިބޭ ގިނަބައަކަށް މަގުގެއްލި ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ސަބަބަކީވެސް އެއީއެވެ.  

ތަނަވަސްކަން ހުރިނަމަ އެމީހަކާއި ގުޅުން ގިނަ ބައަކު ބޭނުންވެއެވެ. އެކަން ކުށްވެރިކުރާކަށް ނެތީމެވެ. ނަމަވެސް ތަނަވަސްކަމުގެ ދަހިވެތިކަމުގައި ދެމަފިރިއެއްގެ ދެމެދަށް ވަނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އަނަހެނަކުވިޔަސް ފިރިހެނަކުވިޔަސް އެފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.

ތަނަވަސްކަމުގެ ދަހިވެތިކަމުގައި ދެމަފިރިންގެ ދެމަދަށް ވަންނަ ގިނަ މީހުންނަށް އެކަމުގެ ހިތިކަން ތަޖުރިބާކުރަން ޖެހެއެވެ. ފަހަރެއްގައި އެކަން ކާމިޔާބުކުރެވުނަސް ފަހުން ހިތާމަކޮށް ކަރުނައަޅަން ނުޖެހޭ މީހަކު ވަރަށް މަދެވެ.  

ގިނަ ބައެއްގެ ކައިވެނި ރޫޅެއެވެ. ކައިވެނި ނުރޫޅޭނަމަ ބޮޑު ބައްޔެއްގައި އުޅެންޖެހުން ނުވަތަ އެނޫންވެސް ބޮޑު މުޞީބާތެއް ކުރިމަތިވެ އުފާވެރިކަން ގެއްލެއެވެ. އެކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އަނިޔާ ލިބުނު މީހާ ކުރާ ދުޢާއެވެ. އަނިޔާ ލިބިގެންވާ ޙާލުގައި ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރެއްވެވުން އަވަސްވެއެވެ. އޭނާކުރާ ދުޢާއާއި ﷲ ތަޢާލާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނެތެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ޢިބްރަތްތެރި ވާހަކަވެސް ވިދާޅުވެލައްވާށެވެ!   

ފިރިމީހާއަކީ ވަރަށް ތަނަވަސް މީހެކެވެ. ކައިވެނިކޮށްގެން އުޅޭތާ 5 އަހަރުފަހުން އަނބިމީހާ ބަލިވެއިނުންވީ ދެމަފިރިންނަށް ލިބުނު އެންމެ ބޮޑު އުފަލަށެވެ. ކުރިންވެސް ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންގެ ލޯބި އެކަމުގެ ސަބަބުން އެތައް ގުނައަކަށް އިތުރުވެގެން ދިއައެވެ.  

އަނބިމީހާ ދައްކަމުން ގެންދިއައީ އެންމެ މަޝްހޫރު އެންމެ އަގުބޮޑު ހޮސްޕިޓަލަށެވެ. ހުރިހާ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދަމުން ގޮސް ދުވަސްފުރާ ދަރިފުޅު ލިބިއްޖެއެވެ. ވިހައި ގަދަވެ ދެމަފިރިން އެއްދާންކުރާ ޙާލަތަށް ދިއުމުން އެކަންކުރަން ބެލިއިރު ފިރިމީހާގެ ގުނަވަނަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއްދާންކުރަން ހުރަސްތައް ކުރިމަތިވެފައެވެ.  

ކަމާއިބެހޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުން ފާއިތުވި އަހަރެއްހައި ދުވަހު އޭނާއަށް ޑޮކްޓަރުން ދީފައި ހުރި ބޭސްތައް ދިރާސާކުރިއެވެ. އެއްވެސް މައްސަލައެއް ނުފެނުމުން އަނބިމިހާއަށް ކާންދިން ބޭސްތައް ވެސް ދިރާސާކުރިއެވެ. އެހިސާބުން އުފެދުނީ ވަރަށް ބޮޑު ސުވާލެކެވެ.  

އެއީ ބަނޑަށް 8 މަހުގައި އެއްގޮތަކަށްވެސް ދޭން ނުޖެހޭނެ ބޭހެއް އަނބިމީހާއަށް ދީފައި ހުރުމުންނެވެ. އެބޭހަކީ އެއްދާންކުރުމުން މީހާ ދުރުހެލިކުރާ ބޭހެކެވެ. އެފަދަ ބޭހެއް ބަނޑަށް 8 މަހުގައި ދޭންޖެހުނު ސަބަބު އޮޅުންފިލުވަން ކުރި މަސައްކަތްތަކުގެ ތެރެއިން ފިރިމީހާ ކިޔައިދިން ގޮތުގައި ބަނޑަށް 7 މަހުންސުރެ ދެމީހުން ވަނީ އެއްދާންކުރުން މުޅިން ހުއްޓާލައިފައެވެ. ވީމާ އެފަދަ ބޭހެއް އަނބިމީހާއަށް ދޭންޖެހުނު ސަބަބެއް ޑޮކްޓަރުންނަކަށް ނުވިސްނުނެވެ. އަދި އެބޭހަކީ މާބަނޑު އަންހެނުންނަށް ދިނުމުން ވަރަށް ނުރައްކާތެރި މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އޮންނަ ބޭހަކަށްވުމުން އެފަދަ ބޭހެއް ދިން ސަބަބު އޮޅުންފިލުވަން ޑޮކްޓަރުން އެންމެ މަތީފެންވަރުގައި މަސައްކަތްކުރިއެވެ.  

ކުރި ހުރިހާ ދިރާސާތަކާއި ތަޙްޤީޤްތަކަށްފަހު ޑޮކްޓަރުން ރިޕޯޓް ތައްޔާރުކުރިއެވެ. އެދުވަހަކީ ފިރިމީހާގެ ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކި ދުވަހެކެވެ. އަނބިމީހާވެސް ޑޮކްޓަރަށް ދެއްކި ދުވަހެކެވެ. 2 ސިޓީއަށް ބޭސްނެގީ އެކުގައެވެ. އެބޭހަކީ އަނބިމީހާ މާބަނޑު ދުވަސްވަރު ފިރިންގެ އުނދަގޫ މާބޮޑަށް ބޮޑުވާނަމަ ޓެސްޓްތައް ހަދައި ނުރައްކަލެއް ނެތްކަމާއި ގެއްލުމެއް ނުލިބޭނެކަން ޔަޤީންކުރުމަށްފަހު އެކަމުގެ ޚާއްޞަ ޑޮކްޓަރުން ވަރަށް ޚާއްޞަ ޙާލަތްތަކުގައި ފިރިމީހާއަށްދޭ ބޭހެކެވެ. އެހެންވެ ބޭސްސިޓީއަށް ވިސްނާނުލައި ފާމަސީން އެބޭސް އަނބިމީހާއަށް ނުދީ ފިރިމީހާގެ ބޭހެއްގެ ގޮތުގައި ދެވުނީއެވެ.  

އަދި އެބޭހަކީ އެޙާލަތުގައި އަނބިމީހާއަށްވެސް ދީގެންނުވާނެ ބޭހެއް ނަމަވެސް ޑޮކްޓަރު އޭނާއަށް ބޭސް ދިނީ ބޭސްކެއުމުން ވިހެއުމަށްފަހު އެއިގެ އަސަރުކޮށް އަނބިމީހާދެކެ ފިރިމީހާ ފޫހިކުރުވައި އެކަމުގެ ނާޖާއިޒު ފައިދާ ޑޮކްޓަރު ނަގަން ބޭނުންވެގެންނެވެ. އެހެން ޢިބާރާތަކުންނަމަ ދެމަފިރިން ވަރިކުރުވައި ޑޮކްޓަރު ފިރިމީހާ އާއި ގުޅެން ބޭނުންވެގެންނެވެ. ނަމަވެސް ފާމަސީއަށް އެރި އޮޅުމުގެ ސަބަބުން ކަންކަން އެހެން ގޮތަކަށް ބަދަލުވީއެވެ. އޭނާއަށް އެހާބޮޑަށް އަސަރު އެކުރީ އޭނާއާއި ނުގުޅޭ ބޭހަކަށްވުމުންނެވެ.  

މައްސަލަ ކޯޓަށް ހުށަހެޅުމުން ޑޮކްޓަރު ބޮޑު ޢަދަދަކުން ޖުރުމަނާކޮށް، ހުއްދަ ބާޠިލްކޮށް 10 އަހަރަށް ޖަލަށްލާން ޙުކުމްކުރިއެވެ. އެހާބޮޑު ޙުކުމެއް އިއްވީ އެބޭހަކީ އަންހެންމީހާއާއި ދަރިފުޅުގެ ފުރާނައަށް ނުރައްކާވާފަދަ ބޭހަކަށްވާތީއެވެ.  

ފިރިމީހާއަށް ޝިފާލިބުނީ ވަރަށް ގިނަ މަސައްކަތްކޮށް ވަރަށް އަގުބޮޑު އެތައް ފަރުވާއެއް ކުރިފަހުންނެވެ. ޢާންމުގޮތެއްގައި އެއީ އާދައިގެ ފެންވަރުގެ މީހުންނަށް ކުރެވޭނެ ވަރުގެ ފަރުވާއެއްވެސް ނޫނެވެ.  މިއީ 2020 ވަނަ އަހަރު އެމެރިކާގެ ކެލިފޯނިއާގައި ހިނގާފައިވާ ކަމެކެވެ.  

މި ލިޔުން ފެނުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދިން ބޭނުމަކީ ފައިސާވެރިންގެ ބޭނުމުގައި މީހުން ނުކުރާނެ ނުބައިކަމެއް ނެތްކަން ބުނުމަށެވެ. ހަމަގައިމުވެސް އެފެންވަރުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ރަނގަޅު މުސާރައެއްވެސް ލިބޭނެއެވެ. ނަމަވެސް އެފިރިހެން މީހާއާއި ގުޅުމުގެ ދަހިވެތިކަމުގައި ދެމައިންގެ ފުރާނައަށް ގެއްލުންވާވަރުގެ ކަމެއްކުރަން އޭނާ ޖެހިލުމެއް ނުވިއެވެ. އިންސާނުންގެ ދަހިވެތިކަން މިވަނީ އެހައިބޮޑުވެފައެވެ.  

މިބާވަތުގެ އާދައާ ޚިލާފް ބޭސްތައް ރާއްޖޭގައި ނުގެންގުޅުނު ނަމަވެސް އަދި އެހާނުބައި ޑޮކްޓަރުން ރާއްޖޭގައި ނޫޅުނަސް ތަނަވަސް މީހުންނާއި ގުޅެން ބޭނުންވެގެން ނުކުރާ ނުބައިކަމެއް، ނުހަދާ މަކަރެއް ނެތްއިރު މިއީވެސް ފިލާވަޅެކެވެ. ޢިބްރަތެކެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.  

- ޝަމްސް / މިއަދުނޫހުގެ ކިޔުންތެރިންނަށް

މިއަދު އޮންލައިން