ޢިބްރަތްތެރި ވާހަކަ: މަންމައަށް ނަފްރަތުކޮށް ނުބައިބަހެއް ބުނިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ ގަދައަށް ބޮލުގަ ރިއްސައި ދުލުގެ ކޮންޓްރޯލް ގެއްލުނު ދަރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ޢިބްރަތްތެރި ވާހަކަ: މަންމައަށް ނަފްރަތުކޮށް ނުބައިބަހެއް ބުނިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ ގަދައަށް ބޮލުގަ ރިއްސައި ދުލުގެ ކޮންޓްރޯލް ގެއްލުނު ދަރިއެއްގެ ވާހަކަ-

އެދެމަފިރިންނަކީ ވަރަށް ލޯބިން މުޅި ޙަޔާތް ހޭދަކޮށްލި ދެމަފިރިންނެވެ. ފިރިމީހާ ނިޔާވިއިރު 25 އަހަރުގެ އަންހެން ދަރިއަކު ހުއްޓެވެ. އެހެންކަމުން ފިރިމީހާ ނިޔާވުމުން ގޭގައި ދިރިއުޅެމުން ދިއައީ ދެމައިން އެކަންޏެވެ. 

ބައްޕަ ނިޔާވުމުން ލިބޭ އާމްދަނީ އިތުރުކުރަން ކުރެވޭނެ ކަމެއް ނެތެވެ. ލިބޭ އާމްދަނީއަކީ ގެއިން ކުއްޔަށްދީފައި ހުންނަ 2 ކޮޓަރިން ކުއްޔަށް މަހަކު ލިބޭ 12000 ރުފިޔާއެވެ. ދެމައިންގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓައި ބިލްތައް ދަކަން ޖެހެނީ އެފައިސާއިންނެވެ. އެހެންކަމުން އެފައިސާއިން ކުރެވޭވަރަކީ މީހަކަށް ނުދަރައި އަމިއްލަ ބޭނުންތައް ފުއްދާލައިގެން އުޅުމެވެ. 

ދަރިފުޅު ވަޒީފާއަދާކުރަން އެއްބަހެއް ނުވިއެވެ. ޢޭނާ ބޭނުންވަނީ ފެހުމުގެ މަސައްކަތްކުރާށެވެ. ނަމަވެސް އޭނާއަކީ ފަހަން ދަންނަ އަންހެނެއް ނޫނެވެ. ވީމާ ޖެހެނީ މުސާރަދީފައި މީހަކު ހޯދާށެވެ. އެގޮތަށް އެކަންކުރަން ބަލާއިރު މީހަކަށް މުސާރަދެވޭވަރަށް މަންމައަށް ފައިސާއެއް ނުލިބެއެވެ. އެހެންވެ މަންމަ ބުނީ އެކަން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި އެކަންކުރަން ބޭނުންވާނަމަ ވަޒީފާއެއް އަދާކޮށް ފައިސާ ޖަމާކޮށްގެން އެކަން ފެށުމަށެވެ. 

ދަރިފުޅު ދިން ޖަވާބު އެނގޭ ހެއްޔެވެ؟ "ބައްޕަ ދުނިޔޭގައި ހުރިނަމަ ތިއަހެނެއް ނުބުނާނެއެވެ. އަހަރެން މިހާރު މިއިންތިޒާރުކުރަނީ ކަލޭ (މަންމަ) މަރުވާނެ ދުވަހަކަށެވެ." 

މަންމަ ވަރަށް ދެރަވެފައި ރޮމުން ބުންޏެވެ. "ދަރިފުޅާއެވެ! ބައްޕަ ދުނިޔޭގައި ހުރިނަމަ މަންމަވެސް މިހެނެއް ނުބުނާނަމެވެ. މިހެން ބުނަން މިޖެހުނީ ބައްޕަ ދުނިޔޭގައި ނެތިފައި ކަމެއް ކޮށްދޭނެ އެއްވެސް މީހަކު ނެތުމުންނެވެ. ފައިސާ ހޯދޭނެ އިތުރު ގޮތެއް ނެތުމުންނެވެ. ދަތިޙާލު ކިތަންމެ ބޮޑުވި ނަމަވެސް އެހީތެރިވެދޭނެ އެކަކުވެސް ނެތީތީއެވެ."  

އެއްވެސް މީހަކަށް އެއްވެސް ކަމެއް ދިމާވުމުން އެކަން ވުމަށް މެދުވެރިވި ސަބަބު ބުނެދޭނެ ހަމައެކަކަށްވެސް ނުއެނގޭނެއެވެ. އެހެނީ އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމުގައިވާތީއެވެ. ކޮންމެއަކަސް މަންމައާއި ދިމާއަށް އެޢިބާރާތުން ބުނިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ދަރިފުޅު ބަލިވެއުޅެން ފަށައިފިއެވެ. އެނބުރުން އަރާވަރަށް ބޮލުގައި ރިއްސަނީއެވެ. ވާހަކަ ދައްކަންއުޅުމުން ދޫ އޮޅޭގޮތްވެ ބުނަން ބޭނުންނުވާ ވާހަކަތައް ބުނެވެނީއެވެ. 

ޑޮކްޓަރުން ބުނަނީ ބޮލުގައި ރިއްސާ ސަބަބު ނުއެނގޭ ކަމަށެވެ. އަދި ކުއްލިއަކަށް ދޫއޮޅޭގޮތް ދިމާވުމަކީ ޢާންމުކަމެއް ނޫންކަމަށެވެ. އެޙާލަތުގައި ދަރިފުޅު ގޮވައިގެން ރުޤްޔާކުރާ މީހަކުގެ ގާތަށް ދިއުމުން ބުނީ ރުޤްޔާކުރަންޖެހޭ ސަބަބެއް ނެތްކަމަށާއި ޢާންމުކޮށް 2 އިރު ކިޔަވާ ޛިކުރުތައް ކިޔެވުމުން ފުދޭނެ ކަމަށެވެ. އެހެންކަމުން އިތުރަށް ކުރަން އޮތްކަމަކީ ދުޢާކުރުން ކަމަށެވެ. އަދި ނުއެނގި ނުވަތަ ޤަޞްދުގައި ނޫންނަމަވެސް ދުލުން ބުނެވިފައި އެވަނީ ދަރިއަކު ހަމައެއްވެސް ޙާލެއްގައި ބުނެގެންވާނެ ބަހެއް ނޫންކަމަށެވެ. އެހެންކަމުން ތައުބާވުމުގެ އިތުރުން މަންމަގެ ކިބައިން މާފުހޯދަންޖެހޭނެ ކަމަށްވެސް ބުންޏެވެ. އަދި ދަރިފުޅަށް މާފުކޮށް އޭނާއަށްޓަކައި ހެޔޮދުޢާކޮށްދިނުމަށްވެސް މައިމީހާގެ ކިބައިން އެދުނެވެ. 

އެހުރިހާ ކަންކަން ކުރުމުންވެސް ދަރިފުޅަށް ޝިފާލިބި ހަމަޖެހިލައިގެން އުޅެލެވޭވަރުވީ 2 އަހަރެއްހައިދުވަސްފަހުންނެވެ. އަދި މިހާރުވެސް ދަރިފުޅަށް ވާހަކަދެއްކުމުގެ މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ ހިތްހަމަ ނުޖެހޭ ކަންކަން ކުރިމަތިވިނަމަވެސް މައިންބަފައިންނަށް ނުބައިބަސްތައް ނުބުނާށެވެ. އެފަދަ ބަހެއް ބުނާއިރަށް ކޮންމެ ފަހަރަކު މިފަދަ ކަންކަން މެދުވެރި ނުވިނަމަވެސް ﷲ ތަޢާލާގެ ކޯފާ އަތުވެދާނެ ވަގުތަކަށް ބިރުވެތިވާށެވެ! މައންބަފައިންގެ ޙައްޤަކީ ﷲ ތަޢާލާއަށް ފިޔަވައި އަދާކުރަންޖެހޭ އެންމެ ބޮޑު ޙައްޤުކަން ދަންނަންވާނެއެވެ!

 

- ނަސީމާ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން