5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 7ސ
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަޖެޓު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރެވެ.

މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، އެންމެ ބޮޑު ޢަދަދެއް ކަނޑައަޅާފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށެވެ. އެގޮތުން ޕީއެސްއައިޕީއަށް 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، ސަބްސިޑީތަކަށް 1.02 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 441.4 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ސްޓޫޑަންޓް ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ޞިއްޙީ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރެވޭއިރު، މެޑިކަލް ކޮންޒިއުމަބަލްސްއަށް 200 މިލިއަން ރުފިޔާ އަދި ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މުވައްޒަފުންގެ މުސާރަ އާއި އުޖޫރައަށްވެސް މި ސަޕްލިމެންޓްރީ ބަޖެޓުގައި 24.4 މިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

މާލީ ވަޒީރު ވިދާޅުވިގޮތުގައި މި ސަޕްލިމެންޓްރީ ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މި ފައިސާ ހިމަނާފައިވަނީ ކުންފުނިތަކުން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ކޭޝްފްލޯ ހަމަޖައްސައިދިނުމަށާއި، އަލަށް ޤާއިމްކޮށްފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް ކެޕިޓަލް ދޫކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި 2 ބިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ޕީއެސްއައިޕީ ބަޖެޓު ކުރިއިރު ރިއަލިސްޓިކް ނުވުމާއި، ކުދި އަދަދުތައް މަޝްރޫޢުތަކުން ޖަހާފައި ހުރުމުގެ ސަބަބުން ބޭނުންވާ އަދަދެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލީ ވަޒީރު ވިދާޅުވީ، އަހަރު ނިމޭއިރު އާމްދަނީގެ ގޮތުގައި ލިބޭނެ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. މިގޮތުން، 2024 ވަނަ އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވޭކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ބަޖެޓުގައި ބަޔާންކުރާ މައިގަނޑު ރިފޯމްތަކާ ގުޅޭ މަސައްކަތްތައް ފުރިހަމައަށް އެކުލަވާނުލެވި ހުރުމާއި، މި ރިފޯމްތައް ތަންފީޒުކުރަން ވަގުތު ނެގުމަކީވެސް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަންޖެހުނު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އަދި މި މުއްދަތުގައި ރައްޔިތުންނަށް ލިބެމުންދިޔަ ޚިދުމަތްތަކާއި އެހީތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައިވެސް މި ސަޕްލިމެންޓްރީ ބަޖެޓު މުހިންމުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޕީއެސްއައިޕީގެ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރޫޢުތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތަކަށް ފައިސާ ދެއްކުމަށާއި، އަންޑަ-ވެލިއު ކޮށްގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދުމަކީވެސް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަންޖެހުނު އިތުރު ސަބަބެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 1 ނޮވެމްބަރު 2024 އިން ފެށިގެން ސިނގިރޭޓާއި ބިޑީގެ އިމްޕޯޓް ޑިއުޓީގެ ރޭޓުތަކަށް ބަދަލު ގެންނަން ނިންމާފައިވާތީ، އަހަރު ނިމޭއިރު، އާމްދަނީގެ ގޮތުގައި ލިބޭނެ މިންވަރު ފާސްކުރި ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.

މި ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކުރެވި، އަދި މަޖިލީހުގެ ކޮމިޓީތަކުގައި އިތުރަށް ދިރާސާކުރެވޭނެ ކަމަށް ބެލެވެއެވެ. މި ބަޖެޓު ފާސްވުމުން، ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

މިއަދު އޮންލައިން