ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ފެމިލީ ފައުންޑޭޝަން ގުޅިގެން މިއަދު ދުންފަތް ކޮންޓްރޯލް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވެނީ ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ޙައްޤުތަކާއި ޒިންމާތައް ކަށަވަރުކުރުމުގެ ގޮތުން އެ ޤާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ދެ ޤަވާއިދެއް އެކުލަވާލުމާ ގުޅޭގޮތުންނެވެ.
މި ދެ ޤަވާއިދަކީ "ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާބެހޭ ޤަވާޢިދު" އަދި "ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ޤަވާޢިދު" އެވެ. "ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާބެހޭ ޤަވާޢިދު" ގެ މަޤްޞަދަކީ ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމެވެ. "ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ޤަވާޢިދު" ގެ މަޤްޞަދަކީ ދުންފަތުގެ ވިޔަފާރި ކޮންޓްރޯލްކޮށް މޮނިޓަރކުރުމުގެ އުޞޫލުތައް ކަނޑައެޅުމެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މި ޤަވާޢިދުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ ކުރިން، ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މީގެ އިތުރުން، ޤަވާޢިދު ތަންފީޛުކުރުމުގައި އެފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުމަކީވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެކެވެ. މި ބައްދަލުވުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް ގާތްގަނޑަކަށް 50 ބައިވެރިން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.
މި ދެ ޤަވާއިދު ގެޒެޓްކޮށް ތަންފީޒުކުރަން ފެށުމަކީ، ދުންފަތުގެ ވަބާއިން ދިވެހިން ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ މަޤްޞަދުތައް އިތުރަށް ހާސިލުކުރެވޭނެކަމަށް އުންމީދުކުރެވެއެވެ.