ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ލުއި ލޯނު ޕްރޮގްރާމް "ހިޔާވަހި ފައިނޭންސިން ސްކީމް"ގެ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިއަދު ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައެވެ. މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.
"ހިޔާވަހި ފައިނޭންސިން ސްކީމް" އަކީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތަޢާރަފުކުރާ އައު ސްކީމެކެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރެވޭނީ 5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި، 25 އަހަރުގެ މުއްދަތަށެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރެވޭނީ ކޮންމެ ފަރާތެއްގެ ވެސް ފުރަތަމަ ގެ އިމާރާތްކުރުމަށެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވި ގޮތުގައި، ސަރުކާރުން މަސައްކަތްކުރަނީ އަންނަ ހަފްތާގެ ތެރޭގައި މި ފައިނޭންސް ސްކީމް ލޯންޗުކޮށް، ލޯނަށް އެދުމަށް ހުޅުވާލުމަށެވެ. އަދި މި ސްކީމްގެ ދަށުން މުޅިން އަލަށް ގެއެއް އިމާރާތްކުރުމަށާއި، އިމާރާތްކުރަން ފަށާފައިވާ ގެއެއް ނިންމުމަށް ވެސް ލޯނު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން މި ސްކީމްގެ ޕާޓްނަރުންގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއެކުވެސް ވަނީ ފަހުމުނާމާގައި ސޮއިކިކޮށްފައެވެ.
މި ސްކީމަކީ ރާއްޖޭގެ ގެދޮރުވެރިކަމުގެ ދަތިކަން ޙައްލުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.