މާލޭގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ރަނގަޅުކުރުމުގެ މަޤްޞަދުގައި، ކެންސަރަށް ޚާއްޞަ 25 ބުރީގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މި ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މަޢުލޫމާތު ދެއްވިެއްވިގޮތުގައި، މާލޭ ސަރަޙައްދުގެ އާބާދީ އިތުރުވަމުން ދިޔަ ނަމަވެސް، ސިއްޙީ ޚިދުމަތްތަކާއި އެނދުގެ އަދަދު އެ ނިސްބަތުން އިތުރުކުރެވިފައި ނުވެއެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 316 އެނދެވެ. ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން އިތުރު 172 އެނދު ޚިދުމަތަށް ގެނެވޭނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
އަލަށް އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލުގެ ފުރަތަމަ މަރުޙަލާގެ ޑިޒައިނާއި ކޮންސެޕްޓްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ޑީޓެއިލް ކުރެހުންތަކާއި ކޮންޓްރެކްޓް މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހޮސްޕިޓަލް އެޅުމުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލްތަކުގެ ޚިދުމަތް ރަނގަޅުކުރުމާާއި، ކެންސަރު ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަން ހޯދައިދިނުމެވެ.
މި ހޮސްޕިޓަލް އެޅުމުން މާލޭގެ ސިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.