ގައުމުތަކުގެ އިގްތިސާދީ މުސްތަގުބަލު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ ކާމިޔާބީއާ ސީދާ ގުޅިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ބައިނަލްއަގުވާމީ މާލީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، މިހާރު ދުނިޔެ ކުރިމަތިލާންޖެހިފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ދަރަނި މެނޭޖްކުރުމާއި، އަދި ނިޒާމީ ބަދަލުތައް ހިމެނޭ ކަމަށެވެ. މި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ ދައުރު މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ..
ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއިން 2028 ވަނަ އަހަރާ ހަމައަށް ކަރަންޓުގެ 33 އިންސައްތަ އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް މަސައްކަތްކުރަމުންދެއެވެ. މިގޮތަށް އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުން މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަވެ، އަދި ބޭރުފައިސާ ޚަރަދުކުރަންޖެހޭ މިންވަރު މަދުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ތަރައްގީވަމުންއަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިވުމަށް އިތުރު އިންތިޒާމުތައް ހަމަޖެއްސުން މުހިންމު ކަމަށެވެ. އަދި ދަރަނިވެރިވެފައިވާ ގައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ދުނިޔޭގެ އެކި ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިސްވެރިންނެވެ. މި ބައްދަލުވުމުގެ މަގުސަދަކީ ދުނިޔޭގެ އިގްތިސާދީ ހާލަތު ދިރާސާކޮށް، ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދުމެވެ.