ޢިބްރަތްތެރި ވާހަކަ: މާބަނޑު އަންހެނަކު ގެއިން ނުކުތީ އެންމެ ދަތިޙާލުގަ ހުރެއެވެ! އެނބުރި ގެއަށްވަނީ ފުދި އިތުރުވާނެ މަގު ތަނަވަސްވެފައި ހުރެގެންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ޢިބްރަތްތެރި ވާހަކަ: މާބަނޑު އަންހެނަކު ގެއިން ނުކުތީ އެންމެ ދަތިޙާލުގަ ހުރެއެވެ! އެނބުރި ގެއަށްވަނީ ފުދި އިތުރުވާނެ މަގު ތަނަވަސްވެފައި ހުރެގެންނެވެ!

އަޅުގަނޑުގެ ބަނޑަށް 5 މަހުގައި ފިރިމީހާ އަޅުގަނޑު އެއްލާލާފައި ދިއުމުން ދިރިއުޅެމުން ދިއައީ ވަރަށް ދަތިޙާލުގައެވެ. ބަނޑަށް 8 މަހަށް އެޅުނުއިރުވެސް ވިހެއުމަށް ބޭނުންވާނެ އެއްވެސް އެއްޗެއް ނުހޯދެއެވެ. އެހެންވެ ވަރަށް ދެރަވެފައި އިންދާ އެކުވެރިއަކު ހަދިޔާއަކަށް 1000 ރުފިޔާ ދިނީމާ ހިފައިގެން އަވަހަށް ދިއައީ ކުޑަކުދިންގެ އެއްޗެތި ވިއްކާ ފިހާރައަކަށެވެ.

އެތަނުގައި ހުރި އެއްޗެތި ބަލަމުންދަނިކޮށް ބިންމަތީގައި އޮތް 500 ގެ ނޫޓު ބޮނޑިއެއް ފެނުމުން އަވަސް އަވަހަށް ނެގީމެވެ. ނަގައި ދަބަހަށްލީމެވެ. ކައުންޓަރާއި ޙަވާލުކުރަން އުޅެފައިވެސް ޙަވާލުނުކޮށް މަޑުކޮށްލީ ޙަވާލުކުރިނަމަވެސް ވެރިފަރާތަށް ނުލިބިދާނެތީއެވެ. ފަހަރެއްގައި އެއިގެ ވެރިފަރާތުން ހޯދަން އަތުވެއްޖެނަމަ ދޭންވެގެންނެވެ.  

އެހެންވެ އެއްޗެތި ބަލަންކަމަށް ހެދިގެން މަޑުކޮށްލައިގެން ހުންނަތާ ބައިގަޑިއެއްހައިއިރު ފަހުން ޒުވާނަކު ތަޅުންގަނޑަށް ބަލަމުން އައިސް މުޅި އެހިސާބު ހޯދާފައި ހިނގައިގަތުމުން ތިއައުޅެނީ އެއްޗެއް ގެއްލިގެންތޯ ސުވާލުކުރުމުން ބުނީ ބޭންކަށް ޖަމާކުރަން ގެންދަން އުޅުނު ފައިސާއިން އެއް ބޮނޑި މިސަރަހައްދަށް ވެއްޓިފައިވާކަމަށް ޝައްކުކުރެވޭތީ ބަލަނީ ކަމަށެވެ.

އެހެންބުނުމުން އެއީ ކޮން ޢަދަދެއްގެ ނޫޓު ބޮނޑިއެއްތޯ ސުވާލުކުރުމުން ބުނީ 500 ގެ 100 ނޫޓުގެ ބޮނޑިއެއް ކަމަށެވެ. 50،000 ރުފިޔާ ކަމަށެވެ. އެހެންބުނުމުން ދަބަހުން ނަގާފައި ނޫޓު ބޮނޑިދިނީމެވެ. އެފެނުނީމާ ނަގައިގެން ވެރި މީހާ އާދޭތޯ މަޑުކޮށްގެން ހުންނަތާ ވަރަށް ގިނައިރުވެއްޖެކަމަށްވެސް ބުނީމެވެ.  

އެމީހާވީ ފިހާރައިގެ ވެރިމީހާއަށެވެ. އެމީހާ އަޅުގަނޑުގެ އަތުގައި ހިފައިގެން ގޮސް ފިހާރައިގައި ހުރި ކުޑަކުޑަ އޮފީހަކަށް ވެއްދިއެވެ. ކުޑަ ޖޫސްޕެކެޓެއް ދީފައި އަޅުގަނޑުގެ ޙާލާއި މަޢްލޫމާތު އޮޅުންފިލުވިއެވެ.  

ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ފިހާރައަށް ދިއަ ސަބަބުވެސް ކިޔައިދިނުމުން ބުނީ އެއްވެސް އެއްޗެއް ނުގަނެ އެވަގުތު ގެއަށް ދިއުމަށާއި ޢަޞްރުފަހުން ނުވަތަ ރޭގަނޑު އައިސް އޭނާއާއި ބައްދަލުކުރުމަށެވެ. އޭނާގެ އެޑްރެސްކާޑެއްވެސް ދިނެވެ.  

އަޅުގަނޑުގެ ބަނޑުގައި ރިއްސާތީ ނުތެދުވެވި އޮވެފައި ކުޑަކޮށް ލުއިވެލުމުން އެރޭ ދިއައިމެވެ. ހަގު ކޮއްކޮއަކުވެސް ގޮވައިގެންނެވެ. އޭނާ އާއި ބައްދަލުކުރުމުން އަގަށް ނުބަލައި ބޭނުންވާ ހުރިހާއެއްޗެއް ނަގައިގެން ކައުންޓަރަށް ދިއުމަށެވެ. ކައުންޓަރަށް ދިއުމުން އެއްޗެތި ފީޑްކޮށްފައި އެތަނުގައި އިން ކުއްޖާ ބުނީ ވެރިމީހާ ބުނެފައި އޮތީ އަގުދައްކާނީ އޭނާ ކަމަށެވެ.  

ވެރިމީހާ އާއިބައްދަލުކޮށް ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ. އޭނާ ބުންޏެވެ. "މިއީ އަދި ނިމުނީއެއް ނޫނެވެ. ވިހެއުމާއި ހަމައަށްވެސް އަދި އެއިގެ ފަހުންވެސް އެހީތެރިވާނަމެވެ. ދޭތެރެއަކުން އައިސް ފެނިލާށެވެ. ހިނގައި ނުއުޅެވޭވަރުވެއްޖެނަމަ ގުޅައިލާށެވެ. ވިހަންދާންވާނީވެސް އޭޑީކޭ ހޮސްޕިޓަލަށެވެ. ޚަރަދުކުރާނީ އަހަރެންނެވެ. އެހެން ބުނެފައި ރުފިޔާކޮޅެއް ދީފައި ބުނީ ޑޮކްޓަރަށް ދައްކައި ފަރުވާކުރަމުން ގެންދިއުމަށެވެ."  

އުފަލުންގޮސް ރޮވުނެވެ. އޭނާއަށް ޝުކުރު އަދާކޮށްފައި ﷲ ތަޢާލާއަށް ޙަމްދުކުރަމުން އައީއެވެ. އޭނާ ބުނި ގޮތަށް ހުރިހާ ކަންކަން ކޮށްދިނެވެ. ވިހައި ގަދަވުމުން ކައުންޓަރުން ވަޒީފާ ދިނެވެ. މުސާރައިގެ އިތުރުންވެސް އެހީތެރިވެދިނެވެ.  

ވަޒީފާގައި އުޅެނިކޮށް ބައްދަލުވި މީހަކާއި އުފެދުނު ގުޅުމުގެ ތެރެއިން ކައިވެނިކުރީމެވެ. އެއީ އެހައި ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ވަރަށް ރަނގަޅު މީހެކެވެ. ކައިވެނިކުރުމަށްފަހުވެސް މިއުޅެނީ ވަޒިފާގައެވެ. އެއީ ފިރިމީހާއަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހޭތީއެވެ. ޚާއްޞަކޮށް ވެރިމީހާގެ ހެޔޮކަން ބޮޑުކަމުންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުމީ އެހައި ދަތިޙާލުގައި ހުއްޓައި އެހައި ގިނަ ފައިސާ އެއްފަހަރާ ލިބުމުންވެސް ތެދުވެރިވީތީ އެކަމުގެ އަގު ދުނިޔޭގައި އަޅުގަނޑަށް މިވަނީ ވަރަށް ރަނގަޅަށް ލިބިފައެވެ. ތެދަށް ބުނާނަމަ އެއްވެސް ގޮތެއް ނެތިފައި ހުއްޓައި ހުރިހާ ބޭނުންތަކެއް ފުދި އަދި ދިރިއުޅުމެއްވެސް މިވަނީ ލިބިފައެވެ. އަތަށް އަރާ ފައިސާކޮޅަކަށްވުރެ ތެދުވެރިކަމުގެ އަގު މާބޮޑުކަން މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ.  

- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން