ޢިބްރަތްތެރި ވާހަކަ: ނިކަމެތިންނަށް ވަޒީފާދީ އެހީތެރިވުމުން ނިކަމެތި ޙާލުގަ އުޅެން ޖެހުނު ދުވަހު ބޮޑު އެހީތެރިކަމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ޢިބްރަތްތެރި ވާހަކަ: ނިކަމެތިންނަށް ވަޒީފާދީ އެހީތެރިވުމުން ނިކަމެތި ޙާލުގަ އުޅެން ޖެހުނު ދުވަހު ބޮޑު އެހީތެރިކަމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އޭނާއަކީ މާތަނަވަސް އަންހެނެއް ނޫނެވެ. ކުޑަކުޑަ އާދައިގެ ފިހާރައެއް ހިންގި އަންހެނެކެވެ. ގިނަ މުދައުތައް އެތެރެކުރުމުގެ ފެންވަރު ނެތުމުން އޭނާ ކޮންމެ މަހަކުވެސް ބޭރަށް ދަތުރެއް ކުރެއެވެ. އެދަތުރުގައި ޢާންމުކޮށް ފިހާރަތަކުން ގަންނަން ނުލިބޭ ޒާތުގެ، މީހުން ޝައުޤުވެރިވާނެ ޒާތުގެ ތަކެތި ހޯދައިގެން ގެނެއެވެ. އެހެންވެ ހަދިޔާ ދިނުން ފަދަ ކަންކަމަށް އެއްޗެތި ގަންނަން ގިނަ ބައަކު އޭނާގެ ފިހާރައަށް ދެއެވެ.  

އޭނާގެ ފިހާރައިގައި 2 މުވައްޒިފަކު ގެންގުޅެއެވެ. މުވައްޒިފުން ހޯދަނީ އަވަށްޓެރިންގެ ތެރެއިން އެންމެ ދަތިޙާލުގައި އުޅެންޖެހިފައިވާ ކުދިން ބަލައިގެންނެވެ. މުވައްޒިފުންނާއިމެދު އަމަލުކުރަނީ އުޚުތުންގެ ގޮތުގައެވެ. ނަފާލިބޭ މިންވަރަކުން މުވައްޒިފުންނަށް އެހީތެރިވެސްވެއެވެ.  

ދިރިއުޅުމުގެ ކަންކަމަކީ ކޮންމެ ވަޤުތަކުވެސް ބަދަލުވެދާނެއެއްޗެއްކަމަށްވުމުން އެ ރަނގަޅު އަންހެން މީހާއަށް ވަރަށް ހިތާމަވެރި ޙާލަތެއް ކުރިމަތިވިއެވެ. އެއީ ގޮތް ނުއެނގޭ ލޭގެ ބައްޔެއް ޖެހުމެވެ. ބަލީގައި ގިނަދުވަސްވެ ޚަރަދުބޮޑުވެ ވިޔަފާރި ހުއްޓާލަން ޖެހުނެވެ. އަތުގައި ހުރި ފައިސާކޮޅު ހުސްވެ ފަޤީރު ޙާލުގައި އުޅެންޖެހުނެވެ. އެޙާލަތަށް ދިއުމުން ޢާއިލާގެ މީހުންގެ ކިބައަކުންވެސް މާބޮޑު އެހީތެރިކަމެއް ނުލިބުނެވެ. ބަލީގައި ގިނަދުވަސްވުމުން ފޫހިވެގެން އަޅާނުލައި ދޫކޮށްލީއެވެ. ތަނަވަސްކަމުގައި އުޅުނުއިރު ވެދިން އެހީތެރިކަމުގެ އަގު ވަޒަންކުރާނެ މީހަކު ނުވިއެވެ.  

އެއްދުވަހަކު ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގޮސް ހުއްޓައި އޭނާ ކުރިން ގެންގުޅުނު މުވައްޒިފަކަށް އޭނާ ފެނިގެން ޙާލު އޮޅުންފިލުވުމަށްފަހު ބުންޏެވެ. "މެޑަމްއެވެ. އެއީ މީގެ 10 އަހަރުކުރިއެވެ. މެޑަމް އަޅުގަނޑަށް އެހީތެރިވެދިނީ އަޅުގަނޑު އެންމެ ދަތިޙާލުގައި ހުރި ދުވަސްވަރުއެވެ. 2 ދަރިންނަށް ކާންބޯންވެސް ނުދެވިފައި ހުއްޓައެވެ. މިއަދު އަޅުގަނޑަކީ ތަނަވަސްކަން ލިބިފައިވާ އަންހެނަކީމެވެ. ދެމަފިރިން އެކުގައި ކުރި މަސައްކަތުގައި މިއަދު މިވަނީ ކުރިއެރުން ލިބިފައެވެ. ވީމާ އަހަރެމެންނާއިއެކު ބެންކޮކަށް ހިނގާށެވެ. ހުރިހާ ޚަރަދެއްކުރާނީ އަހަރެމެންނެވެ. އެއްވެސް ބަދަލެއްވެސް ބޭނުމެއް ނޫނެވެ."  

އެދެމަފިރިން ވިޔަފާރިކަމު ބެންކޮކަށް ކުރި ދަތުރެއްގައި އޭނާ ގެންދިއައެވެ. ޑޮކްޓަރަށް ދައްކައިގެން ކުރި ފަރުވާއިން އޭނާއަށް ޝިފާލިބުނެވެ. ބަލި އެކުގައި ފަސޭހަވެ އުޅެވޭވަރުވުމުން އެމީހުންގެ ވިޔަފާރި ކުންފުނިން މެނޭޖަރެއްގެ ވަޒީފާދީގެން ގެންގުޅެން ފެށިއެވެ. އޭނާއަކީވެސް ވިޔަފާރިވެރިއަކަށްވުމުން އޭނާގެ ސަބަބުން އެދެމަފިރިންގެ ވިޔަފާރިއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ.  

ދުވަސްކޮޅެއްފަހުން އަނބުރައި އަގުދައްކާގޮތަށް އޭނާއަށް އަމިއްލަ ފިހާރައެއް ހުޅުވައިދޭން އުޅުމުން އޭނާ އެކަން ޤަބޫލެއް ނުކުރިއެވެ. ބުނީ ޢުމުރުގެ ދެން އޮތްބައި ހޭދަކޮށްލަން ބޭނުންވަނީ އަޅައިލާނެ މީހަކު ނެތި އޭނާ އެފަދަ ނިކަމެތިޙާލުގައި ހުއްޓައި އެހީތެރިވި ދެމަފިރިންގެ ޚިދުމަތުގައި ކަމަށެވެ. އެގޮތުން މާބޮޑަށް ހިތްހަމަޖެހުން ލިބޭ ކަމަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ އަވަށްޓެރި އަންހެނެއްގެ ދިރިއުޅުމުގައި ދިމާވި ކަންކަމުގެ ވާހަކައެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ ތިމާއަށް ތަނަވަސްކަން ދެއްވެވުމުން އެހެން މީހުންނަށް އެހީތެރިވެދިނުމުގެ މުހިންމުކަން ފާހަގަކުރާށެވެ. އޭނާ އެބައަކަށް އެހީތެރިވި އެންމެންހެން އޭނާ ދޫކޮށްލިނަމަވެސް އޭނާއަށް ﷲ ގެ ރަޙްމަތްފުޅުން މަގެއް ފެނިގެން އެދިއައީ އޭނާއަށް ތަނަވަސްކަން ލިބިފައިވީ ދުވަހު އެހެންމީހުންނަށް ހެޔޮކޮށް ހިތީތީ ނޫންހެއްޔެވެ؟ ނިކަމެތިން ބަލައިގެން ވަޒީފާދީ އެހީތެރިވެދިންކަން ފާހަގަކުރަންޖެހޭ ނޫންތޯއެވެ؟ މިއީ ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ކަމަށް ދެކެމެވެ.  

- ޢާބިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން