އަޅުގަނޑުވެސް ކައިވެނިކުރީ ލޯބިވެގެން ދުވަސްތަކަކު އެކީގައި އުޅެފައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު އައީ އަޅުގަނޑުގެ ނިކަމެތިކަން ބަޔާންކުރަމުންނެވެ. ވަރަށް ކުޑަިއރު މަންމަ އާއި ބައްޕަ މަރުވެފައިވާކަމާއި ގެންގުޅެ ބޮޑުކުރީ ބޮޑުދައިތަކަމެވެ. ޝަރުޢީ ގޮތުން ވާރުތަވެރިއެއްވެސް ނެތް ކަމެވެ. އެއީ ބައްޕަފަރާތުގެ އެއްވެސް މީހަކު މާލޭގައި ނެތުމުންނެވެ.
އޭނާ ބުނަމުން އައީ އެއިން އެއްވެސް ކަމަކާއި ނުވެސް ވިސްނުމަށެވެ. އަޅުގަނޑުގެ ކިބައިން އޭނާއަށް ލޯތްބާއި ވަފާތެރިކަން ލިބޭނަމަ ހިތްދަތިވާނެ އެއްވެސް ކަމެއް ކުރިމަތިނުވާނެ ކަމަށެވެ. ކައިވެނިކުރީ ބޮޑުދައިތަ ގާތުގައިވެސް ހަމަ އެމޭރުމުން ވާހަކަދައްކައި ބޮޑުދައިތަގެ ރުހުން ހޯދައިގެންނެވެ.
ކައިވެނީގެ 3 ވަނަ އަހަރު ދަރިއަކު ލިބުނެވެ. ދަރިފުޅު ލިބުމާއިއެކުގައިހެން މަޑުމަޑުން ކަންކަން ބަދަލުވަމުން އައިސް ދަރިފުޅަށް 3 ވަނަ އަހަރު އަޅުގަނޑު ވަރިކޮށް ގެއިން ނެރެ ފޮނުވައިލީ ދަރިފުޅުވެސް އަތުލައިފައެވެ. އަޅުގަނޑުގެ ހުރި ނިކަމެތިކަމާއި މަންމަވެސް ދުނިޔޭގައި ނެތުމުން ދަރިފުޅު ހޯދަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެހެންވެ ވަރަށް ދެރަވެ ހިތާމަކުރަމުން އެނބުރި ބޮޑުދައިތަ ގާތަށް ދިއައީއެވެ.
ބޮޑުދައިތަ އަނެއްކާވެސް އަޅުގަނޑަށް އެހީތެރިވެދިނެވެ. އެގޭގައި ބަހައްޓައިދިނެވެ. ބޮޑުދައިތަގެ ދަރިއެއްގެ އެހީގައި ވަޒީފާއެއްވެސް ލިބުނެވެ. ވަޒީފާގައި އުޅެމުން ދެވަނަ ކައިވެނިކުރީމެވެ. ދެވަނަ ކައިވެނީގައި ދަރިއަކު ލިބުނުތަނާ އެއްދުވަހަކު ކުރީގެ ފިރިމީހާ ދަރިފުޅު ގޮވައިގެން އައިސް ބުނީ ދަރިފުޅު ބަލަން އޭނާގެ އަނބިމީހާ ދެކޮޅު ހަދާކަމަށާއި އެހެންކަމުން ދަރިފުޅު ބަލައިދިނުމަށެވެ. ދަރިފުޅަށް ބޭނުންވާ ޚަރަދުތައް ކުރާނެ ކަމަށެވެ.
އެއިރު ފިރިމީހާވެސް ގޭގައި އުޅެއެވެ. ދަރިފުޅާއި ޙަވާލުވީ ފިރިމީހާއެވެ. ފިރިމީހާއަށް ފޯނު ނަންބަރުދީފައި އޭނާ ދިއައީއެވެ. ދިއަ ގޮތަކަށް ޚަބަރެއްވެސް ނުވާތީ ފިރިމީހާ އޭނާއަށް ގުޅިއެވެ. އެއީ ދަރިފުޅަށް ކަރަދުކުރާނެ ފައިސާ ހޯދާކަށް ނޫނެވެ. ދަރިފުޅު ދެކެލަންވެސް ނުއަންނާތީ އެއީ ކީއްވެގެންތޯ ސުވާލުކުރުމަށެވެ. ގުޅިއިރު ފޯނު އޮތީ ނިއްވާލައިފައެވެ.
2، 3 ދުވަހު ގުޅީމައިވެސް ގުޅޭގޮތް ނުވުމުން ފިރިމީހާ އޭނާ ހޯދަން ދިއައެވެ. ދިއައިރު ގޭގައި އުޅެނީ ކުއްޔަށް އުޅޭ ބައެކެވެ. އެމީހުންގެ ކިބައިން އެއްވެސް މަޢްލޫމާތެއް ނުލިބުމުން އޭނާ ހޯދާކަށް ނުއުޅެމެވެ. މަޑުން ތިބީއެވެ. އެއިގެ މަހެއްހައިދުވަސްފަހުން އެނގުނީ ވައްކަމުގެ ބޮޑު މައްސަލައެއްގައި ޖަލަށްލާފައިވާ ކަމެވެ. ދަރިފުޅު ގެނެސްދިނީ ޙުކުމްކުރަން އުޅޭތީކަމެވެ.
ފިރިމީހާއަކީ ވިޔަފާރިކުރި މީހެކެވެ. ފުދޭވަރަކަށް ތަނަވަސްކަމުގައި އުޅުނު މީހެކެވެ. ބޮޑު ވައްކަމެއް ކުރަންޖެހުނީ ކީއްވެގެން ކަމާއިމެދު ސުވާލު އުފެދުނެވެ. އެހެންވެ ފިރިމީހާ އޭނާގެ ލޯޔަރު ހޯދައިގެން އޮޅުންފިލުވުމުން އެނގުނީ އަނބިމީހާ ކުރި ވައްކަމެއްގެ ފައިސާ ފިހާރައިގެ ތިޖޫރީ ބަހައްޓާފައި ހުރުމުން އޭނާއަށްވެސް ސަލާމަތް ނުވެވުނީ ކަމެވެ. އަދި އެފައިސާއަކީ ހަކުރުގެ ވިޔަފާރިއާއި ގުޅުންހުރި ފައިސާއަކަށްވުމުން އިތުރަށް މައްސަލަ ހޫނުވީކަމެވެ.
ކަރެކްޝަންސް މެދުވެރިކޮށް ފިރިމީހާ އޭނާއާއި ވާހަކަދެއްކުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ބުނީ ކައިވެނި ރޫޅައިލެވުނީ އެއަންހެންމީހާގެ އަވާގައި ޖެހިގެން ކަމަށާއި އޭނާއަކީ ވަރަށް ގިނަ ފައިސާ ގެންގުޅޭ އަންހެނަކަށްވުމުން ވިޔާފާރި އިތުރަށް ފުޅައުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. ކަންކަން ދިމާވިގޮތުން ވިޔަފާރިވެސް ހުއްޓި ޖަލަށްވަންނަން ޖެހުނީ އެކަމުން އެއްވެސް ފައިދާއެއް އޭނާ ނުކުރާކަމެއް ބޮލުގައި އަޅަންޖެހުމުން ކަމަށެވެ. އެންމެ ދެރަވަނީ ބޭންކަށް ގެ ރަހުނު ކޮށްފައި ހުއްޓައި ޖަލަށް ވަންނަން ޖެހުމުން ލޯނު ނުދެއްކިގެން ގެ ވިއްކާލާނެތީ ކަމަށްވެސް ބުންޏެވެ. އަދި ލޯނު އަދާކޮށްފިނަމަ ގެ ދޭނެ ކަމަށްވެސް ބުންޏެވެ. އެހެންވެ ފިރިމީހާ ލޯނާއި ޙަވާލުވާންބެލިއިރު އެހައިތަނަށްވެސް އިންޓަރެސްޓާއިއެކު އަރާފައިވާ އަދަދު ބޮޑުކަމުން އެވަރުގެ 2 ގޭގެ އަގުއަރާތީ ފިރިމީހާ އެކަން ނުކޮށް ދޫކޮށްލީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ ވަފާތެރި އަނބިމީހާ ނިކަމެތިކޮށްލި ކަމުގެ އަގެއްގެ ގޮތުން އޭނާގެ ވިޔަފާރިއާއި ގެ ގެއްލުމުގެ އިތުރުން 18 އަހަރުގެ ޖަލުޙުކުމެއް އިއްވާފައި އޮތުމުން އޭނާގެ މުޅި ޙަޔާތް ބަރުބާދުވެގެންދިއައީ ކަމަށެވެ. ވީމާ ކައިވެނިކުރުމަށްފަހު އަނބިންގެ ދެރަކޮށް ހިތުގައި ޖެއްސުމުގެ އަގު އޭނާއަށް އެވީ ހުރިހާ ގޮތަކުން ބެލިނަމަވެސް ހިތިހަބަރަށްވުރެވެސް ހިތި އެއްޗަކަށް ކަމަށެވެ. ވީމާ ކިޔުންތެރިންނަށް، ޚާއްޞަކޮށް ފެންނަހައި އަންހެނަކަށް ހިތްދީ ހެއްލިގެންދާ ފިރިންނަށް މިއީ ޢިބްރަތްތެރި ވާހަކައަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- އަމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް