ރާއްޖޭގެ ދަފްތަރުކުރެވިފައިވާ ދަނޑުވެރިންގެ 57% އަކީ އަންހެނުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ. މި މަޢުލޫމާތު ވަޒީރު ހިއްސާކުރެއްވީ އިޓަލީގެ ވެރިރަށް ރޯމްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޑރ. ރަމީލާ ފާހަގަކުރެއްވީ ދަނޑުވެރިކަމާއި ކާނާގެ ނިޒާމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކެވެ. މީގެ ތެރޭގައި، މާލީ އެހީތެރިކަން ހޯދުމުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ 30% އަންހެނުންނަށް ޚާއްޞަކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި ވަޒީރު އިތުރަށް ވިދާޅުވީ، އަންހެނުން ބާރުވެރިކުރުމަށް ޤައުމީ ސިޔާސަތުތައް އެކުލަވާލެވި، އެކަމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް، ކާނާގެ ނިޒާމު ތަރައްޤީކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި އިތުރަށް މަސައްކަތްކުރަންޖެހޭކަމަށް ވަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމަކީ ދަނޑުވެރިކަމާއި ކާނާގެ ނިޒާމުގައި އަންހެނުންގެ ދައުރާ ގުޅޭގޮތުން ބޭއްވުނު ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ.