ކުރިއަށް އޮތް ފަސް އަހަރު (2024-2028) އަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޕްލޭން އިފްތިތާޙުކޮށްދެއްވީ ސްޓެލްކޯގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

މި އެކްޝަން ޕްލޭނަކީ ޙުސައިން ފަހުމީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު، ރާއްޖޭގެ ތަރައްޤީއާ އެއްހަމައަކުން ކަރަންޓު، ފެން އަދި ނަރުދަމާގެ ޚިދުމަތްތައް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ފެށި މަސައްކަތުގެ ނަތީޖާއެކެވެ. މި ޕްލޭން އެކުލަވާލެވިފައިވަނީ ކުންފުނީގެ ބޯޑުގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ.

ޕްލޭން އެކުލަވާލުމުގައި މައިގަނޑު އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ޚިދުމަތުގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއެކު، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދުމެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖީރިއަލް މުވައްޒަފުން ހިމެނޭ އިލްމީ އަދި ޤާބިލު ޓީމަކުންނެވެ. މި ޓީމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ސްޓްރެޓީޖިކް ކޮމިޓީގެ ޚާއްޞަ ބެލުމުގެ ދަށުންނެވެ.

މި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 5 ސްޓްރެޓީޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓީޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވެއެވެ. ކޮންމެ ޑިޕާޓްމަންޓަކަށްވެސް ވަކި އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅި، އެ ޓާގެޓްތައް ޙާޞިލްވޭތޯ މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި، މި އެކްޝަން ޕްލޭނަކީ ޒަމާނީ ވިސްނުމާއެކު ތަޢުލީމީ ޒުވާނުން ތައްޔާރުކޮށްފައިވާ، މުސްތަޤުބަލް ކަނޑައެޅުމުގެ ހަރުދަނާ ބިންގަލެކެވެ. މިފަދަ ޕްލޭނެއް އޮތުމުން ކުންފުނި ހިންގުމަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތްކުރެވި، ހިންގުން ހަރުދަނާކުރެވި، ކުންފުނީގެ މާލިއްޔަތުން ކުރެވޭ ޚަރަދުތަކަކީ ކުންފުނިން އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް މަގުފަހިވެގެންެންދާ ގޮތަށް ކުރެވޭ ޚަރަދުތަކެއް ކަމުގައި ވެގެންދާނެއެވެ. އަދި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވި، ރައްޔިތުންނާއި ކއި ކުންފުންޏާ ދެމެދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމަށާއި ޔުޓިލިޓީ ޚިދުމަތްތަކުގެ ސިނާޢަތްތަކަށް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސްޓެލްކޯގެ ސްޓްރެޓީޖިކް ކޮމިޓީގެ ލަފާގެ މަތިން ތައްޔާރުކުރެވި، ކުންފުނީގެ ބޯޑުގެ ފުރިހަމަ ތާއީދާއެކު އެކުލަވާލެވިފައިވާ ޕްލޭނެކެވެ.
މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ކުންފުނި ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އިސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު، ކުންފުނީގެ މިޑްލް މެނޭޖްމަންޓްގައި ހިމެނޭ ޔުނިޓް ހެޑުންނާއި އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ ޓީމުތަކުގެ ޚިޔާލާ އެއްގޮތަށް ޑިޕާޓްމަންޓްތައް ހިންގުމުގެ ޕްލޭންތައް އެކުލަވާލައި، ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައެވެ.

މި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކުރުމާއެކު، ސްޓެލްކޯއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޚިދުމަތުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށް ބޭނުންވާ ހަރުދަނާ ރޭވުންތެރިކަމެއްގެ ބިންގާ އެޅިގެން ދިޔައީއެވެ. މި ޕްލޭންގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.