ސްޓެލްކޯގެ ސްލޯގަނަކަށް "ތަރައްޤީގެ ބައިވެރިޔާ" އިޚްތިޔާރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސްޓެލްކޯގެ ސްލޯގަނަކަށް "ތަރައްޤީގެ ބައިވެރިޔާ" އިޚްތިޔާރުކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބޭނުންކުރާނެ ސްލޯގަންއަކީ "ތަރައްޤީގެ ބައިވެރިޔާ" ކަމަށް ނިންމައި، އެކަން އިއްޔެ އިޢުލާނުކޮށްފިއެވެ. މި ސްލޯގަން އިފްތިތާޙުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

ސްޓެލްކޯގެ ޚިދުމަތަށް މި އަހަރުގެ ޑިސެންބަރު މަހު 75 އަހަރު ފުރޭއިރު، ސްޓެލްކޯއިން ސްލޯގަންއެއް ބޭނުންކުރަން ފަށާފައިމިވަނީ އަލަށެވެ. މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމީ ތަރައްޤީގައި ސްޓެލްކޯއިން ވެފައިވާ ޙިއްސާއެވެ.

އެގޮތުން ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ޚިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ރަމްޒުކޮށްދެއެވެ. އަދި ހަމަ މިއާއިއެކު 1949ން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ޚިދުމަތުގެ އިތުރުން މިހާރު މި ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ޚިދުމަތާއިއެކު ޤައުމީ ތަރައްޤީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް މި ސްލޯގަންއިން ރަމްޒުކޮށްދެއެވެ.

މި ސްލޯގަން އިޚްތިޔާރުކުރުމާއެކު، ސްޓެލްކޯއިން ވަނީ ކުންފުނީގެ މަޤްޞަދުތަކާއި އަމާޒުތައް އާންމުންނާ ހިއްސާކޮށް، ޤައުމީ ތަރައްޤީގައި އެ ކުންފުނީގެ ދައުރު އިތުރަށް ފާހަގަކޮށްފައެވެ. މި ސްލޯގަންއަކީ ސްޓެލްކޯގެ މުސްތަޤްބަލުގެ ވިޝަންއާއި ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ އަޒުމުގެ ރަމްޒެއް ކަމުގައިވެސް ބެލެވެއެވެ.

މިއަދު އޮންލައިން