މާތް ﷲ ގެ ރަޙްމަތަށް އެދޭމީހާއަށް ފުރަތަމަ ކަމަކަށް އޮތީ ދެއްވަވާ ނިޢުމަތަށް ޝުކުރުވެރިވުމެވެ. ހެޔޮލަފާ ބައިވެރިއަކު ލިބުމަކީ ދެއްވަވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. ޝުކުރުވެރިވެއްޖެ މީހަކަށް މިދުނިޔޭގައިވެސް ކުރިއެރުމާއި އުފާވެރިކަން ދެއްވަވާނެކަން މިޙާދިސާއިން އެނގިގެންދާނެއެވެ. އިން ޝާ ﷲ
ހާޝިމްއަކީ މަޝްހޫރުވަމުން އަންނަ ވިޔަފާރިވެރިއެކެވެ. ވަރަށް އާދައިގެ ގޮތަކަށް ދިރިއުޅެމުން އައިސް އެއްކުރެވުނު ފައިސާކޮޅުން ފްރީޒަރެއް ގަނެ ގޭގައި ބަހައްޓައިގެން މާރުކޭޓުން މަސްގަނެ ބަންދުކޮށް މަސްފިނިކޮށް ކުދިފިހާރަތަކަށް ލައިގެން ކުރަން ފެށި ވިޔަފާރި ފުޅައުވެ މިހާރު އޭނާއަކީ ފިނިކުރި މަހުގެ ވިޔަފާރީގައި ފުދޭވަރެއްގެ ކުރިއެރުމެއް ހޯދާފައިވާ މީހެކެވެ. ފެކްޓްރީތަކުން ރާއްޖޭގެ ބާޒާރަށް ނެރޭ މަސް ގަނެ ވިއްކައިދޭ އެޖެންޓެކެވެ.
މަސްބަންދުކުރުމާއި ޑެލީވަރުކުރާ މުވައްޒިފުންގެ އިތުރުން ކަސްޓަމަރުންގެ އޯޑަރުތައް ނެގުމަށާއި ބިލްތަކަށް ފައިސާހޯދުން ފަދަ މަސައްކަތްތަކަށް އޮފީހުގައި ހަޔަކަ މުވައްޒިފުންވެސް ގެންގުޅެއެވެ. އެއިގެ ތެރެއިން އެންމެ އިސްކޮށް ހުންނަނީ މާރކެޓިންގ މެނޭޖަރަކަށް ގެންގުޅޭ އަންހެންކުއްޖެކެވެ. އެއީ ވިޔަފާރީގެ ދާއިރާއިން ޑިގްރީވެސް ނަގައިގެން ހުރި ވަރަށް ބުރަކޮށް މަސައްކަތްކުރާ ކުއްޖެކެވެ.
މަސައްކަތަށް ކިތަންމެ ރަނގަޅުނަމަވެސް އޭނާގެ ވިސްނުމުގައި ވަރަށްބޮޑު ނުބައެއް އޮވެއެވެ. އެއީ ކޮންމެވެސް ގޮތަކުން ވެރިމީހާ އަތުއަޅުވާލައި ވިޔަފާރީގެ ޙިއްސާދާރަކަށްވުމެވެ. ވެރިމީހާގެ މައްޗަށް ނުފޫޒު ފޯރުވައި ވިޔަފާރީގެ ކޮންޓްރޯލް އަތުލުމެވެ. އޭނާގެ ނިޔަތުގައި މައްސަލައެއް އުޅޭކަން ހާޝިމަށް އެނގެއެވެ. ނަމަވެސް އެކަން އޭނާއަކަށް ނުއަނގައެވެ. ސަމާލުވެގެން ހުންނަނީއެވެ. މަސައްކަތަށް ރަނގަޅުވީމާ ފޮނުވާނުލައި ބަހައްޓަން ބޭނުންވާތީއެވެ.
އެހެން ހުއްޓައި އޭނާ މަޑުމަޑުން ހާޝިމްއާއި ކައިރިވަމުންގޮސް ސަމާސައަށް ކަމަށް ހަދާފައި ގައިގައި އަތްޖައްސާލުންފަދަ ކަންކަން ކުރަން ފަށައިފިއެވެ. އެހެންކަމާއިއެކުވެސް އޭނާ ވަޒީފާއިން ކަނޑާނުލައިވޭތޯ ހާޝިމް ދިއައީ މަސައްކަތްކުރަމުންނެވެ.
ކަންކަން މާމައްޗަށްދާހެން ހީވީމާ ހުކުރު ދުވަހެއްގެ ރޭ ހާޝިމްގެ ގެއަށް ކެއުމަކަށްދާން އޮފީހުގެ ހުރިހާ މުވައްޒިފުންނަށް ދަޢުވަތުދިނެވެ. ކާންތިބެގެން ހާޝިމް އެމީހުންނަށް ކިޔައިދިނީ އޭނާގެ ދިރިއުޅުން ފެށުނު ގޮތާއި މިހިސާބަށް އައުދެވުނު ގޮތެވެ. އަނބިމީހާގެ ވެސް ކުރިމަތީގައެވެ. ލިބޭ މުސާރަ ކުޑަކަމުން ދަރިންގެ ބޭނުންތައް ފުއްދައިނުދެވޭތީ ދެމަފިރިން ދުވާލަކު އެއްއިރު ކައިގެންވެސް 3 އަހަރުވެސް ތިބި ކަމަށެވެ.
ހާޝިމް ބުނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ އަނބިމީހާ ކަމަށާއި ދުވަހަކުވެސް އަނބިމީހާގެ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ކައިވެނީގައި 9 އަހަރުވެފައިވާއިރު ދުވަހަކުވެސް ހިލޭ އަންހެނަކާއި އެއްވެސް ގުޅުމެއް ނުހިންގާ ކަމަށާއި އޭނާގެ މަސައްކަތް ކުރިއަރަނީވެސް ދެމަފިރިން ތެދުވެރިވުމުން ﷲ ރަޙްމަތް ލައްވަވާތީ ކަމަށެވެ.
ހުރިހާ މުވައްޒިފުންނަކީވެސް ދިރިއުޅުން ފެށުމަށްފަހު އަދި ދިރިއުޅެން ފެށުމުގެ ކުރިންވެސް މިކަންކަމަށް ސަމާލުކަންދޭ ބައަކަށްވުމަށް ހާޝިމް އެދުނެވެ. ރޯދަ ފެށެން ކައިރިވެފައި އޮތުމުން ރޯދަ އެލަވަންސްގެ އިތުރުން ދޭ ހަދިޔާއެއް ކަމަށްބުނެ ކޮންމެ މުވައްޒިފަކަށްވެސް ހަދިޔާއެއް ދީފައި ވީހާ ރަނގަޅަށް މަސައްކަތްކޮށްދިނުމަށް އެދުނެވެ.
އެރެއަށްފަހު އޭނާގެ ޢަމަލުތައް އިޞްލާޙްކުރިއެވެ. ގެންގުޅުނު ނުބައި ނިޔަތް ބަދަލުކުރިއެވެ. ހާޝިމަކީ މުޅިން ތަފާތު މީހެއްކަން އަންގައިދިނުމުން އޭނާ ބޭނުންވާ ގޮތައް ހާޝިމާއިމެދު ކަންކަން ނުކުރެވޭނެކަން އެނގުމުންނެވެ.
މިކިޔައިދިނީ މީގެ 6 އަހަރުކުރީގެ ވާހަކައެކެވެ. އެހާޝިމަކީ މިއަދު މަހުގެ ވިޔަފާރިކުރާ މީހެއް ނޫނެވެ. ރިޒޯޓްތަކަށް ސަޕްލައިކުރާ މީހެކެވެ. ގިނަ ޢަދަދެއްގެ މުދައު އެތެރެކުރާ މީހެކެވެ. މުދައު އުފުލާ އަމިއްލަ ބޮޑު 3 އުޅަނދު ދުއްވައެވެ.
އެހާޝިމްގެ ކާމިޔާބީގެ ހުރިހާވެސް ސިއްރަކީ އަނބިމީހާ އޭނާއަށްޓަކައި ފަޤީރު ޙާލުގައި އުޅުނު ނިކަމެތި ޙާލުގެ އަގު ވަޒަންކުރުންކަމަށް ހާޝިމްދެކެއެވެ. ދެމަފިރިން ހަމައެކަނި މާލޭގައި އެކުގައި ކާރު ދުއްވަނީއެއް ނޫނެވެ. ބޭރު ޤައުމުތަކަށް ވިޔަފާރިކަމު ކުރާ ދަތުރުތަކުގައި އުދުހެނީވެސް އެކުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ހާޝިމްގެ ކުރިއެރުމާއި ކާމިޔާބީން ޢިބްރަތް ޙާޞިލުކުރާށެވެ. ތަނަވަސްކަން ލިބުނީމައިވެސް ނިކަމެތިޙާލުގައި އެކުގައި އުޅުނު އަނބިމީހާގެ އަގު ވަޒަންކުރާށެވެ. އޭނާ ނިކަމެތި ނުކުރާށެވެ.
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް