ނުބައި ދޮންމަންމައެއް ފަދަ މައިދައިތަ ދެމަފިރިން ދުރުކުރުވަން ޖެހި ނުރައްކާތެރި ދަންތުރައިން ކިރިޔާ ސަލާމަތްވެވުނު އަންހެނެއްގެ ވާހަކަ- ކޮންމެ އަންހެނަކަށްވެސް ސަމާލުވާންޖެހޭ ޙާލަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 36ސ
ނުބައި ދޮންމަންމައެއް ފަދަ މައިދައިތަ ދެމަފިރިން ދުރުކުރުވަން ޖެހި ނުރައްކާތެރި ދަންތުރައިން ކިރިޔާ ސަލާމަތްވެވުނު އަންހެނެއްގެ ވާހަކަ- ކޮންމެ އަންހެނަކަށްވެސް ސަމާލުވާންޖެހޭ ޙާލަތެއް!

އަޅުގަނޑުމެން ދެމީހުން ލޯބީގެ ގޮތުން ގުޅުނުކަން އެނގުނީންސުރެ ލޯބިވެރިޔާގެ މަންމަ އައީ އެކަމަށް ދެކޮޅުހަދަމުންނެވެ. އެކަން ލޯބިވެރިޔާއަށް ރަނގަޅަށް އެނގެއެވެ. އަޅުގަނޑަށް އެކަން އެނގުނީންސުރެ މަންމަގެ ނުޤަބޫލުގައި ގުޅިގެން އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަމަށްބުނެ ދެމީހުން ވަކިވުން ރަނގަޅުވާނެ ކަމަށް އައީ ބުނަމުންނެވެ. ނަމަވެސް ލޯބިވެރިޔާ އެކަން ޤަބޫލެއް ނުކުރިއެވެ. ބޭނުންވީ މަންމަ ނުރުހުނަސް ދެމީހުން ގުޅި ކައިވެނިކުރާށެވެ.  

އޭނާ ބުނަމުން އައީ ކައިވެނިކުރަންޖެހޭނެ އަންހެނަކު އެނގޭނީ މަންމައަށް ނޫންކަމަށާއި އަނބިމީހާ އިޚްތިޔާރުކުރުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއް ކަމަށާއި އެ ޙައްޤުގެ ބޭނުން ކުރާނެ ކަމަށެވެ. އޭނާގެ މަންމައާއިއެކު ނުއުޅެވިއްޖެނަމަ އަޅުގަނޑުމެންގެ ގެއަށް ދިރިއުޅުން ބަދަލުކުރާނީ ކަމަށެވެ.  

ކޮންމެއަކަސް އަހަރެއްދުވަހު ދެމީހުން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން ދިރިއުޅެން ފެށީ ފިރިމީހާގެ މައިމީހާގެ ގޭގައެވެ. ފެންނަފެނުމުގައި މަންމަ ވަރަށް ރަނގަޅެވެ. ވާހަކަވެސް ދައްކަނީ ވަރަށް ލޯބިންނެވެ.  

ދުވަސްކޮޅެއް ފަހުން މަންމަގެ ރައްޓެހި ބައެއް ޒުވާނުން ގެއަށް ގެނެސް އެމީހުންނަށް ސައިހަދައިދިނުން ފަދަ ކަންކަން ކުރަން ފަށައިފިއެވެ. އެމީހުންނާއި ވާހަކަދައްކަން މަންމަ އިންނައިރު ކައިރީގައި އިންނަން އަޅުގަނޑު ގާތުގައިވެސް ބުނަން ފަށައިފިއެވެ.  

އެގޮތަށް މީހުން ގެއަށް ގެންނަނީ ފިރިމީހާ ގޭގައި ނުއުޅޭ ވަޤުތުތަކުގައިކަމަށްވުމުން އަޅުގަނޑުގެ ހިތުގައި ޝައްކުތައް އުފެދެން ފެށިއެވެ. އެހެންވެ އެވާހަކަ ފިރިމީހާ ގާތުގައި ދެއްކުމުން ބުނީ މަންމ އިންނަ ވަޤުތެއްގައި މަންމަ ބުނެގެން އެތަނުގައި އިންނަމަވެސް އެކަނި ނުއިނުމަށެވެ.  

ދެން ކުރަންފެށިކަމަކީ 3 ނޫނީ 4 މީހުން އެކުގައި ތިބެފައި އެބަ އަންނަކަމަށް ބުނެފައި މަންމަ ތެދުވެގެންދަނީއެވެ. އެހިސާބުން ވަރަށް ބޮޑު ގޯހެއް އެބަހިނގާކަން އެނގި މަންމަ ގާތުގައި އެގޮތަށް އެކަން ނުކުރަން އެދުނީމެވެ. އަދި މަންމަ ތެދުވެގެންދާނަމަ އަޅުގަނޑުވެސް ދާނެކަމަށްވެސް ބުނީމެވެ.  

އެއްދުވަހަކު މަންމަ ގެނައި ޒުވާނަކާއި 3 މީހުން ސިޓިންގރޫމްގައި ތިބެފައި މަންމަ އާދައިގެމަތިން އެބަ އަންނަކަމަށް ބުނެފައި ތެދުވެ ހިނގައިގަތުމުން އަޅުގަނޑުވެސް ދާން ހިނގައިގަތްތަނާ އޭނާ އަޅުގަނޑުގެ އަތުގައި ހިފިއެވެ. އަޅުގަނޑު ފޮޅާލާފައި ހުރި ލަދު ޙަޔާތްކުޑަކަން ނިކަން ދެކިބަލާށޭ އަހަރެންނަކީ މީހެއްގެ އަންތބެއްކަން ނޭނގެނީހެއްޔޭ ކިޔައި އަޑުގަދަކުރީމެވެ.  

އެވަގުތު މަންމަ އައިސް ބުނީ ރުޅި ނައުމަށާއި އެއީ ވަރަށް ހިތްހެޔޮ، އެކުވެރި މިޒާޖުގެ ޒުވާނެއްކަމަށެވެ. އަޅުގަނޑު ބުނީ އެހެންވީމާ އެކަން އޭނާއާއި މަންމަ އާއި ދެމެދުގައި ބޭއްވުމަށާއި އެގުޅުމުގެ ތެރެއަށް އަޅުގަނޑު ނުފެއްތުމަށެވެ. އެހެން ބުނީމާ މަންމަ ވަރަށް ދެރަވިކަމަށް ހެދުނެވެ. އަޅުގަނޑު އަނގައިންވެސް ނުބުނެ އެތަނުން ދިއައީއެވެ.  

ޖެހިގެން އައިރޭ މަންމައާއި ފިރިމީހާއާއި އަޅުގަނޑާއި ފިރިމިހާގެ ދޮށީ ބޭބެ އާއި އެހެންވެސް ދެ ކޮއްކޮއަކު ކާން ތިބެފައި ފިރިމީހާ ފޯނު ނަގައި ފޮޓޯއެއް އަޅުގަނޑަށް ދައްކާފައި ސުވާލުކުރީ މިވަނީ ކިހިނެއްތޯއެވެ؟ ބަލައިލިއިރު ކުރީދުވަހު އެޒުވާނާ އަޅުގަނޑުގެ އަތުގައި ހިފި ފޮޓޯއެވެ. ވީމާ މިވަނީ ކިހިނެއްކަން އެނގިއްޖެއެވެ.  

އަޅުގަނޑުގެ ފޯނު އަޅުގަނޑު ނެގީމެވެ. ސްޕީކަރަށްލާފައި ބުނީމެވެ. މިއަޑުއެހީމާ ތިއަވާގޮތް އެނގޭނެއެވެ. އެހެން ބުނެފައި އެވަގުތު އަޅުގަނޑާއި މަންމަ ދެއްކި ވާހަކައިގެ ރެކޯޑިންގ އަޑުއިއްވީމެވެ. އެވާހަކަ ރެކޯޑްކުރެވިފައި އޮތީ އެފަދަ ބަދުނާމަކަށް ޝައްކުކުރެވި އަޅުގަނޑު އައީ ކޮންމެ ދުވަހަކުވެސް ދައްކާ ވާހަކަތައް ފޯނަށް ރެކޯޑްކުރަމުން ކަމަށްވާތީއެވެ.  

އެވާހަކަތައް އަޑުއަހާފައި އެންމެން މަންމަ ކުށްވެރިކުރިއެވެ. މަންމަގެ މަކަރުވެރި ރޭވުން އެންމެންނަށް އެނގުމުން އެހައި ނުބައި ކަންކަން މަންމަ ކުރަނީ ކީއްވެގެންތޯ މަންމަ އާއި ސުވާލުކުރީމާ ހެދުނީ ރޯކަމަށެވެ. އަޅުގަނޑު ބުނީމެވެ. "މިދުވަސް މިގޮތަށް އަންނާނެކަން ކުރިންވެސް ވިސްނޭތީ މަންމަގެ ނުރުހުމުގައި ކައިވެނި ނުކުރަން ފިރިމީހާގެ ގާތުގައި އެންމެ ކުރިންވެސް އެދުނީމެވެ. ޤަބޫލުނުކުރީއެވެ. ވީމާ މަންމައަށް ނުބައި ބަހެއް ބުނާކަށް ނެތީމެވެ. އަޅުގަނޑު މިގެއިން މިދަނީއެވެ. ދެން ޖަހާނީ ކޮން ދަތުރައެއް ނުއެނގި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ހުންނާކަށް ބޭނުމެއް ނޫނެވެ." 

އަޅުގަނޑު ކޮޓަރިއަށްވަދެ ހެދުންކޮޅާއި ގެންގުޅޭ އެއްޗެތި ކޮތަޅަކަށް އަޅަންފެށިތަނާ ފިރިމީހާ އައިސް ބުނީ އޭނާވެސް އަޅުގަނޑާއިއެކު ދާނެ ކަމަށެވެ. ވަޤުތުން މަންމައަށް ފޯނުކޮށްފައި ދެމަފިރިން ގެއަށް ބަދަލުވާވާހަކަ ބުނީމެވެ.  

އެއިގެ ފަހުން ފިރިމީހާ ނެތި އެގެއަކު މަޑެއް ނުކުރަމެވެ. އެމަންމައާއި ރުޅިވެރިކަމެއްވެސް ނުބާއްވަމެވެ. ވާހަކަވެސް ދައްކަމެވެ. ހަދިޔާވެސް ދެމެވެ. ބަލިވީމާ ގޮވައިގެން ޑޮކްޓަރަށްވެސް ދަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި މައިދައިތައާއިއެކުގައި ކުރަންޖެހުނު ތަޖުރިބާއެވެ. އަދި މައްސަލަޖެހުމުން އަޅުގަނޑު ޢަމަލުކުރި ގޮތެވެ. ފިރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ މައްސަލަ ޖެހުނީމާ މަންމަވެ އަނބިމީހާ ނިކަމެތިކުރަން ކައިވެނިނުކުރާށެވެ. މައްސަލައެއް ޖެހިއްޖެނަމަ އިންބާފުން ކަންކަންކުރަން ކެރެންވާނެއެވެ. ނޫންނަމަ ކައިވެނިކޮށް އަނބިމީހާ ގެންގޮސް މަންމައާއި ޙަވާލުނުކުރާށެވެ.  

ކޮންމެ މައިދައިތައަކީ ނުބައި މީހެއްކަމަކަށް ނުބުނަމެވެ. ނުޤަބޫލުގަވެސް ކައިވެނިކުރީމާ ދަރިންދެކެ ޙަޤީޤީ ލޯބިވާ މައިން ދަރިފުޅުގެ ނިންމުމަށް އިޙްތިރާމްކުރާނެއެވެ. ޙަސަދަވެރިއެއް ނުވާނެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޙަސަދަވެރިއެވަނީ އަމިއްލަ ދަރިފުޅުދެކެ ލޯބިނުވާތީއެވެ.  

އަޅުގަނޑުމެންގެ ކައިވެންޏަސް މިހާރު 6 އަހަރުވެއްޖެއެވެ. މައިދައިތަ މިހާރު އެންމެ ލޯބިވާ އަންހެން ދަރިއަކީވެސް އަޅުގަނޑެވެ. އަމިއް ދަރިންނަށްވުރެވެސް އަޅުގަނޑުދެކެ ލޯބިވާކަމަސް ބުނެއެވެ. އެއީ ބަލިވީމާ އެންމެ ގިނައިން ޑޮކްތަރަށް ގެންގޮސް ހަދަނީ އަޅުގަނޑުވީމާ ކަމަސްވެސްވެދާނެއެވެ. އެހެންވެ ގޭގައި އުޅެން އަލުން އަންނަންވެސ ބުނެއެވެ. ނަމަވެސް އެކަންކުރަން އަދިވެސް ވަރަށް އުނދަގޫވީމާ އެގޭގައި އުޅޭކަސް ނުދަމެވެ.  

އަޅުގަނޑުގެ މިވާހަކަކޮޅަކީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ވާހަކައަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.  

- ޒާހިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން