އެއީ އެއްދުވަހެއްގެ އިރު އޮއްސުނުވަޤުތެވެ. ޖެނީ ޕާކެއްގައި ހިނގަމުން ދަނިކޮށް ޒުވާނަކު އޭނާއަށް ގޮވައި ހުއްޓުވިއެވެ. ކައިރިއަށް އައިސް ހުއްޓުވަންޖެހުނީތީ މާފަށް އެދެމުން ޖެނީގެ އަތުން ކެނޑިގެން ވެއްޓުނު އަގުބޮޑު ކެވެލި ގަނޑު ޖެނީއަށް ދިނެވެ. "މީގެ އަގަށް ބަލައިފިނަމަ މިއީ މިލިއަނުން އަގުކުރެވޭނެ އެއްޗެކެވެ. މިވަރުގެ އަގުހުރި އެއްޗެއް ކަލޭގެ އަތުން ވެއްޓި ގެއްލުނީމާ ދެރަވާނެވަރު ހިތަށް އެރުމުން ހުއްޓުވުނީއެވެ. ހުއްޓުވުނީތީ ވަރަށް ބޮޑަށް މާފަށް އެދެމެވެ."
ބުނާނެ އެއްޗެއްވެސް ޖެނީއަކަށް ނުއެނގުނެވެ. "ޒުވާނާއަށް ބަލައިފިނަމަ ފެންނަނީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނެއްގެ ގޮތުގައެވެ. އެހެންކަމަށްވާއިރު މިހައި އަގުބޮޑު އެއްޗެއް ލިބުމުން ބޭނުންކޮށްނުލައި ރައްދުކުރީ ކީއްވެގެންބާވައެވެ! މީނާގެ ކިބައިގައި ވަރަށް އާދައާއި ޚިލާފް މައްސަލައެއް އެބައުޅެއެވެ. މިއީ އަޅާނުލައި ހަމައެކަނި ޝުކުރުއަދާކޮށްފައި ދޫކޮށްލަން ހެޔޮވާވަރުގެ ޒުވާނެއް ނޫނެވެ." ޖެނީ އެޒުވާނަށް އޭނާގެ އެޑްރެސްކާޑުދިނެވެ. މާދަމާ އޮފީހުން ބައްދަލުކޮށްލަން އެދިފައި ދެމީހުން ވަކިވީއެވެ.
އަނެއް ދުވަހު ޒުވާނާ ޖެނީ އާއި ބައްދަލުކުރީ ކޯޓުފަޓުލޫނުލައި ޓައިީވެސް އަޅައިގެންނެވެ. ޖެނީއަށް އަނެއްކާވެސް ލިބުނީ އިތުރު ޙައިރާންކަމެކެވެ. "މިހާ ސްމާޓް ޒުވާނަކު އެހައި ހަޑިކޮށް އިއްޔެ ޕާކުގައި އިނީ ކީއްވެގެންބާވައެވެ!"
ޖެނީ އޭނާއާއި ވާހަކަދެއްކުމަށްފަހު ޖެނީގެ ކުންފުނިން ވަޒީފާއެއް ދިނެވެ. ދިނީ އާދައިގެ ވަޒީފާއެއްވެސް ނޫނެވެ. ފިނޭންސް ޑިޕާޓްމަންޓްގެ ހެޑްގެ ވަޒީފާއެވެ. އެއީ ކުރީ ދުވަހު ކުރެވުނު ތަޖުރިބާއިން ޒުވާނާއަކީ ތެދުވެރި އަމާނާތްތެރިއެއްކަން ޔަޤީންކުރެވިފައި އޮތުމުންނެވެ.
ޙަޤީޤަތުގައިވެސް ޒުވާނާވީ ވަރަށް އިޚްލާޞްތެރި މުވައްޒިފެކެވެ. ކުންފުނީގައި ހުރި ވަރަށް ގިނަ މައްސަލަތައް ކުރު މުއްދަތެއްގެ ތެރޭގައި އިޞްލާޙްކުރިއެވެ. ނުއެނގި ތިއްބާ ގެއްލުންވަމުންވަމުންދިއަ އެތަކަމެއް ހުއްޓުވައި ގެއްލުންވަމުންދާންހުރި ދޮރުތައް ބަންދުކުރިއެވެ. އެކަންކަމުގެ ސަބަބުން ޖެނީގެ ހިތުގައި ޒުވާނާގެ މައްޗަށް އުފެދުނު ޤަދަރު ލޯތްބަށް ބަދަލުވެގެންދިއައެވެ.
އެއްދުވަހަކު ޖެނީ ދިން ދަޢުވަތަކަށް ޒުވާނާ ޖެނީއާއިއެކު ކެއުމެއްގައި ބައިވެރިވިއެވެ. ކެއުމުގެ ތެރެއިން ޒުވާނާގެ މާޒީ އާއިބެހޭ ގޮތުން ޖެނީ ސުވާލުކުރިއެވެ. ޚާއްޞަކޮށް އެދުވަހު ޕާކުގައި އެހާހަޑިކޮށް އިން ސަބަބު އޮޅުންފިލުވަން މަސައްކަތްކުރިއެވެ.
"މެޑަމްއެވެ! އަޅުގަނޑަކީ ކައިވެންޏެއްކޮށްގެން ވަރަށް ލޯބިން ދިރިއުޅެމުން އައި މީހަކީމެވެ. ރަނގަޅު ވަޒީފާއެއްގައި މަސައްކަތްވެސް ކުރަމުން އައި މީހަކީމެވެ. ގެދޮރުވެސް ހުއްޓެވެ. އެކައުންޓުގައި ފައިސާވެސް ހުއްޓެވެ. ހުރިހާ އެއްޗެއް ގެއްލި ގެދޮރު ވިއްކާލަން ޖެހުނީ އަނބިމީހާއަށް ކެންސަރުޖެހުމުން ބޭސްފަރުވާކުރާށެވެ. ވަޒީފާ ގެއްލުނީ އަނބިމީހާ ގާތު ހޮސްޕިޓަލުގައި ހުންނަން ޖެހުމުންނެވެ. އަހަރެންގެ އަތުގައި ހުރި ހުރިހާ އެއްޗެއް ޤުރްބާންކުރުމުންވެސް އަނބިމީހާ ސަލާމަތްނުކުރެވުނީއެވެ. ދުނިޔެދޫކުރީއެވެ. ޖަނާޒާގެ ކަންތައް ނިމިގެންދިއައިރު އަތުގައި އޮތީ އެންމެ 100 ޑޮލަރެވެ. އެހެންވެ މަގުމަތިވީއެވެ. އަޅުގަނޑުގެ ފޮށި އެކުވެރިއެއްގެ ގޭގައި ބަހައްޓާލަދިނެވެ. މެޑަމް އާއި ބައްދަލުކުރަން އަންނަން ލާނެ ހެދުމެއް އަތުގައި އޮތީ އޭނާ ފޮށި ބަހައްޓާލަދިނީތީއެވެ." އެހިސާބަށް ވާހަކަދެއްކިތަނާ އޭނާއަށް ރޮވެން ފަށައިފިއެވެ.
ކައިނިމިގެން ދެމީހުން ދިއައީ އޮފީހަށެވެ. އޮފީހަށް ގޮސްފައި ޖެނީ އޭނާގެ ކިބައިން އެދުނީ މަސައްކަތް ނިމިގެން ގެއަށް ނުގޮސް އޭނާ އާއި ބައްދަލުކުރާށެވެ. އެއީ ވަރަށް މުހިންމު ވާހަކައެއް ދައްކާލަންވެފައި އޮތުމުން ކަމަށެވެ.
ޒުވާނާ މަސައްކަތް ނިންމާފައި ގޮސް ބައްދަލުކުރުމުން ދެމީހުން އެކުގައި ދިއައީ ޖެނީގެ ގެއަށެވެ. ކޮފީބޯން ތިބެގެން ޖެނީ ބުންޏެވެ. "އަހަރެމެން ދެމީހުންގެ ފުރަތަމަ ބައްދަލުވުމުންފެށިގެން އަހަރެންގެ ހިތުގައި ކަލެއަށް ޚާއްޞަކަމެއް ވަނީ ދެވިފައެވެ. އެކަން ފެށުނީ ކަލޭގެ ތެދުވެރިކަން އެނގުމުންނެވެ. އެކަން ލޯތްބަށް ބަދަލުވީ މަސައްކަތުގައި ކަލޭގެ އިޚްލާޞްތެރިކަމުންނެވެ. މިއަދު ގޮވައިގެން މިގެއަށް މިއައީ ދުވަހަކުވެސް މިގެއިން ނެރޭ ގޮތަކަށް ނޫނެވެ. ކަލޭ މިގޮތަށް ރުހޭނެ ނަމަ އަވަހަށް ލޯބި ޙަލާލްކޮށްލަމާ ހިނގާށެވެ."
ދެމީހުންގެ ކައިވެނިކުރެވުނީއެވެ. ކައިވެންޏަށް 12 އަހަރުފުރުނީއެވެ. މިހާރު ޒުވާނާއަކީ ފިރިމީހާގެ ޙައިޞިއްޔަތުގެ އިތުރުން އަނބިމީހާގެ ވިޔަފާރީގެ 50 އިންސައްތަ ޙިއްޞާދާރެވެ!
މިއީ އަޅުގަނޑު ކިޔާފައިވާ ޙަޤީޤީ ޙާދިސާއެއްކަމަށް ބުނާ ވާހަކައެކެވެ. ޙާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ޕަންޖާބްގައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ހުށަހަޅާލަން ބޭނުންވީ ވަރަށް ބޮޑު ބޭނުމަކުއެވެ.
ވިސްނައިލާށެވެ! އެޒުވާނާ އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ހޭދަކުރުމުގެ އިތުރުން ގެދޮރު ވިއްކައިލީ އަނބިމީހާގެ ފުރާނަ ސަލާމަތްކުރެވޭތޯއެވެ. ވަޒިފާވެސް ގެއްލުނީ އަނބިމީހާއަށް ޚިދުމަތްކުރަން ގާތުގައި ހުރުމުންނެވެ. އެހެނަސް ތަޤްދީރުގައި ލިޔެވިފައިވާ ގޮތަށް ކަންކަން ވެގެންދިއައީއެވެ. އަނބިމީހާ ނިޔާވީއެވެ. ވަޒީފާއެއް ނެތި މަގުމަތިވެސްވީއެވެ. ނަމަވެސް އާޚިރު ނަތީޖާއަށް ބަލާށެވެ. އޭނާއަށް ލިބިގެން އެދިއައީ މާތަނަވަސް ދިރިއުޅުމެކެވެ. މާބޮޑު އުފާވެރިކަމެކެވެ. އެކަންކަމުގެ ސަބަބަކީ އަނބިމީހާ އޭނާއަށްކުރި ހެޔޮ ދުޢާކަމުގައި ޤަބޫލުނުކުރަންވީ ކީއްވެގެންހެއްޔެވެ؟
މިއީ ހަމަ ކޮންމެ ދެމަފިރިއަކަށްވެސް ވަރަށް އަގުހުރި ފިލާވަޅަކަށްވެގެންދާނެ ކަމަށް އުންމީދުކުރަމެވެ. ދެމަފިރިން އެކަކު އަނެކަކަށް އިޚްލާޞްތެރިވުމުގެ ފައިދާ މިފަދަ ގޮތްގޮތުން ފެނިގެންދާކަން މިފަދަ އެތައް ޙާދިސާތަކަކުން މިދަނީ ފެންނަމުންނެވެ. އެހެނަސް އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ދިރިއުޅުމުގައި ޢަމަލުކުރެވޭ ގޮތާއިމެދު ވިސްނައިލުމުން ލޮލުން އަންނަނީ ކަރުނައެވެ.
- ޝރުމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް