ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫޢުގައި ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާކަމުގެ ތުހުމަތު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫޢުގައި ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާކަމުގެ ތުހުމަތު!

2019 ވަނަ އަހަރު 61 ޕޮލިސް ސްޓޭޝަން އެޅުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރެވުނު މަޝްރޫޢުގައި ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވަނީ ކުރީ ސަރުކާރުގައި 61 ޕޮލިސް ސްޓޭޝަނެއް އެޅުމަށް ޙަވާލުކޮށްފައިވާ މަޝްރޫޢުގެ ތަފްސީލް ހޯދުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި މަޝްރޫޢު ފުރަތަމަ ފެށުނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކަމަށާއި، ފަހުން މި މަޝްރޫޢު ހޯމް މިނިސްޓްރީއަށް ބަދަލުކުރެވުނެވެ. ނަމަވެސް، މި މަޝްރޫޢުގެ ދަށުން އެއްވެސް މަސައްކަތެއް ނުފެށި ވަނިކޮށް، ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ދޫކުރެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

"މި ފައިސާ ބޭނުންކުރެވުނު ގޮތުގެ އެއްވެސް ތަފްސީލެއް ކުންފުނިން ދީފައެއް ނުވޭ. އަދި މިހާތަނަށް އެއްވެސް ޕޮލިސް ސްޓޭޝަނެއް އަޅާފައެއް ނުވޭ،" ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ، މި ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރުގެ އާއިލާގެ ކުންފުންޏެއްގެ ހިއްސާ ގަނެ، އެ އާއިލާގެ ގެއެއް އިމާރާތްކުރުން ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކޮރަޕްޝަނެއް ކަމަށް ތުހުމަތުކުރެވޭ. އެހެންކަމުން މި މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް އަންގާފައިވާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މި މައްސަލައިގައި ކުރީގެ ސަރުކާރުގެ އިސް ފަރް ފަރާތްތަކެއް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި، މި މައްސަލަ ފުރިހަމައަށް ތަޙުޤީޤުކޮށް، ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރުކުރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރާ ގުޅޭތޯ މަސައްކަތްކުރިނަމަވެސް، މިވަގުތު އެ ފަރާތުން އެއްވެސް ކޮމެންޓެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން