ފަރުމަހުގެ މަސްވެރިކަން ކުރާ 62 ފަރާތަކަށް ޚާއްސަ ލޯނު ދިނުމަށް ސަރުކާރުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ފަރުމަހުގެ މަސްވެރިކަން ކުރާ 62 ފަރާތަކަށް ޚާއްސަ ލޯނު ދިނުމަށް ސަރުކާރުން ނިންމައިފި

ދިވެހި ސަރުކާރުން ފަރުމަހުގެ މަސްވެރިކަން ކުރާ 62 ފަރާތަކަށް ޚާއްސަ ލޯނު ދިނުމަށް ނިންމައިފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި މިކަން ހާމަކޮށްފައިވެއެވެ.

މި ލޯނަކީ އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނެކެވެ. މިއީ ފަރުމަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރުމަށް އަމާޒުކުރެވިފައިވާ ލޯނެކެވެ. މި ލޯނުގެ ދަށުން އުޅަނދު ބަނުމާއި، ގަތުމާއި، މަރާމާތުކުރުމާއި އަދި ވަސީލަތްތައް ގަތުމަށް ފައިސާ ބޭނުންކުރެވޭނެއެވެ.

ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ލޯނަކީ ރަހުނު ނުބަހައްޓާ 700,000 ރުފިޔާއާ ހަމައަށް ނެގޭނެ ލޯނެކެވެ. އަދި މި ލޯނު ދޫކުރެވޭނީ 10 އަހަރުގެ މުއްދަތަކަށެވެ. މީގެ އިތުރުން، ލޯނު ނަގާ ފަރާތްތަކަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ލޯނަކީ ރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން ކުރިއެރުވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި އޮތް ފަރުމަހުގެ ޑިމާންޑަށް އަމާޒުކޮށްގެން ތަޢާރަފުކުރެވިފައިވާ ލޯނެއް ކަމަށެވެ.

މި ލޯނު ސްކީމްގެ ސަބަބުން ފަރުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމީހުންގެ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން