މެލޭޝިއާގެ ބެސްޓިނެޓް ކުންފުނިން ކުރީގެ ސަރުކާރާއެކު 8 ސިޓީއެއް ބެއް ބަދަލުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ނާޒިލް ސުވާލު ކުރެއްވީ މެލޭޝިއާގެ ބެސްޓިނެޓަށް ދަޢުވާނުކޮށް 6.9 ބިލިއަން ރުފިޔާ ދައުލަތުން ހޭދަވާ ގޮތަށް އެކްސްޕެޓް ސިސްޓަމަށް ދީފައިވާ ކަމުގެ ތުހުމަތާ ގުޅޭގޮތުންނެވެ.
މިކަމަށް ޖަވާބު ދެއްވަމުން ދާޚިލީ ވަޒީރު ވިދާޅުވީ، "ބެސްޓިނެޓު ކުންފުނިން ކުރީގެ ސަރުކާރާއެކު 8 ސިޓީ ބަދަލުކޮށްފައިވާކަން ބެލިބެލުމުން ފެންނަން އެބައޮތް. އަދި ލޯފާމުތަކުން ހަތަރު ފަހަރެއްގެ މަތިން ކްލެއިމް ކުރުމަށް އެދިފައިވޭ."
ވަޒީރު އިތުރަށް ވިދާޅުވީ، އޭރުގެ އެޓަރނީ ޖެނެރަލްގެ ލަފައެއް މިކަމަށް ބަދަލުދިނުމުގެ މަރުހަލާ ފެއްޓުމަށް ކަނޑައަޅުއްވާފައި އޮތް ކަމަށާއި، އަދި ރައީސް އޮފީހުން ވެސް މިކަމުގައި ބަދަލު ދިނުމުގެ މަރުހަލާއެއް އަތުވެދާނެ ކަމަށް އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"މިއީކީ އެއްވެސް ހާލެއްގައި ހަމަތާކު ކުންފުންޏެއް އޮއްވައި އަޅުގަނޑުމެން އެ ކުންފުނި ހޯދައިގެން މިކަން ކުރީކީނޫން. ދައުލަތުގެ މައްޗަށް އަޅުގަނޑުމެންނަށް އޮބިނޯންނަވަރުގެ، އެމީހުން އިމީޑިއޭޓްލީ ކްލެއިމްކޮށްފައި މިވަނީ 15 މިލިޔަން ޑޮލަރަށް," ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ހާމަކުރެއްވި ގޮތުގައި، ދައުލަތަށް ކުރިން ލިބެމުން އައީ 600 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ދައުލަތަށް މިހާރު 900 މިލިއަން ރުފިޔާ އެގްރިމަންޓް ހެދިގެން އަންނައިރު ލިބޭނެއެވެ.
ވަޒީރު އިޙްސާން ވަނީ ނެޝަނަލް ސެކިއުރިޓީއާ ގުޅޭ މިފަދަ ހައްސާސް މައްސަލަތަކުގައި ހަގީގަތާ ޚިލާފަށް ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް މެމްބަރުގެ ކިބައިން އެދިވަޑައިގެންފައެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރ ހާޒިރުވެވަޑައިގަތީ ފުލުހުންނާއި ކަސްޓަމްސް އިން އެކިއެކި މައްސަލަތަކުގައި ތަހުގީގަށް ހިފަހައްޓާ ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމަކާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރައްވާފައިވާ ސުވާލަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، 2019 ވަނަ އަހަރު، ބަންގްލަދޭޝްއިން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލާފައިވަނީ އެ ޚިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫން ކަމަށެވެ. އެހެންކަމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 2022 ވަނަ އަހަރުގެ ތެރޭގައި އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށް އިޙްސާން ކުރިން ވެސް ވިދާޅުވެފައިވެއެވެ.
"އޭރު ކުރެވިފައި ހުރި މުޢާމަލާތްތަކަށް ބަލާއިރު އޭރު ޢަމަލުކުރަމުންދިޔަ ސެޓްލްމަންޓް އެގްރީމަންޓްގެ ތެރެއިން އެމީހުންނަށް ބަދަލުދޭން ނިންމާފައި އޮތްކަން ހާމަވޭ. ނަމަވެސް މިހާތަނަށް އެ ކުންފުންޏަށް ބަދަލެއް ދީފައިނުވޭ," ވަޒީރު ވިދާޅުވިއެވެ.
އަދި ސަރުކާރު ބަދަލުވުމަށްފަހު ސެޓްލްމަންޓް ކޮމިޓީ އުވާލާފައިވާތީ މިކަމުގައި އެކުންފުންޏާއެކު ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު އެ މައްސަލަ ހައްލުކުރާނެ ގޮތްތަކެއް ހޯދިފައިވާ ކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.
މި މައްސަލައިގައި ދާޚިލީ ވަޒީރު ދެއްވާފައިވާ މަޢުލޫމާތުތަކުން އެނގެނީ، މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއި ކުރީގެ ސަރުކާރާ ދެމެދު ހިނގާފައިވާ މުޢާމަލާތްތަކާއި، އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލެވެ. މި މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި ހައްސާސް މައްސަލައެއްކަން ފާހަގަކޮށް، މިފަދަ މައްސަލަތަކުގައި ހަގީގަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.