ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ލައްވައި ޚަރަދުކޮށްގެން ފްލެޓެއް ގަނެވުނީމަ އަނބިމީހާ ބާކީކޮށްލި ފިރިއަކަށް ޖެހުނު ޙާލާ އަނބިމީހާއަށް ލިބުނު ތަނަވަސްކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ލައްވައި ޚަރަދުކޮށްގެން ފްލެޓެއް ގަނެވުނީމަ އަނބިމީހާ ބާކީކޮށްލި ފިރިއަކަށް ޖެހުނު ޙާލާ އަނބިމީހާއަށް ލިބުނު ތަނަވަސްކަމުގެ ވާހަކަ-

ކައިވެނީގެ 6 ވަނަ އަހަރީ ދުވަހެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް 5 މަހެވެ. އަނބިމިހާ ބޭނުންވީ ވަރަށް ޚާއްޞަ ކޭކެއް އަޅާށެވެ. އެހެންވެ ކޭކު އެޅުމަށް އެންމެ މަޝްހޫރު އެއް ކެފޭއިން ވަރަށް ބޮޑު އަގުދީފައި ކޭކެއް އެޅުވިއެވެ. ކޭކުގައި ލިޔުނެވެ. "ހެޕީ އެންވާސަރީ ބައްޕާ!- ދަރިފުޅު"  

ކޭކު ބަލައިދިއުމުން ކޭކު ޙަވާލުކުރީ ތަނުގެ ވެރިމީހާއެވެ. ޙަވާލުކުރަމުން ބުންޏެވެ. "މިއީ ވަރަށް ޚާއްޞަ ކޭކެކެވެ. އެންވާސަރީ ފާހަގަކުރުން ވަރަށް އުފާވެރި ނުވެއްޖެނަމަ އަނބުރައި ކޭކުގެންނާށެވެ. ވަރަށް ފުރިހަމަ ބަދަލެއް ދޭނަމެވެ."

ކޭކު ހިފައިގެން ގޮސް ގޭގައި ރަނގަޅު ހަފްލާއެއް އިންތިޒާމުކޮށްގެން އިންދައި ފިރިމީހާ ގެއަށް އައީ އޭނާގެ ލޯބިވެރިޔާ ގޮވައިގެންނެވެ. އައުމުން އަނބިމީހާ ބުނީ މިއީ އޭނާގެ އެޕާޓްމަންޓެއް ކަމަށާއި ދެމީހުން އެކުގައި ނުކުތުމަށެވެ. ފިރިމީހާ ބުނީ މިއީ އޭނާގެ އެޕާޓްމަންޓެއް ކަމަށާއި އަނބިމީހާ ގެއިން ނުކުތުމަށެވެ. އަނބިމީހާ ބުނީ އެޕާޓްމަންޓަށް އެޑްވާންސް ދައްކައި އަގުދައްކައި ހަމަކުރީ އޭނާ ކަމަށެވެ. ފިރިމީހާބުނީ އެޕާޓްމަންޓް ގަނެފައިހުރީ އޭނާގެ ނަމުގައި ކަމަށެވެ.  

ފިރިމީހާ އެހެން ބުނުމުން "ކޯޓުގަ ބައްދަލުކުރާނަން" ކަމަށް ބުނެފައި އަނބިމީހާ ގެއިން ނުކުމެގެން ދިއައީީ ކޭކު ހިފައިގެންނެވެ. ބޭކަރީއަށްގޮސް ކޭކުދިން މީހާ ކޭކް އިން ގޮތަށް ޙަވާލުކޮށްފައި އަނބިމީހާ ބުނީ ވަރަށް ހިތާމަވެރި އެންވާސަރީއެއް ކަމަށެވެ. އޭނާ ބުނީ އެކަން އެހެންވާނެކަން ކުރިން އެނގިފައިވާކަމަށެވެ. އަދި ވަރަށް ފުރިހަމަ ބަދަލެއް ދޭނެކަމަށް ބުނީވެސް އެކަން އެހެންވާނެކަން ވިސްނޭތީ ކަމަށެވެ.  

އަންހެން މީހާ ގޮވައިގެން އޭނާގެ އޮފީހަށް ވަދެ ފޯނުން ދައްކައިލީ އޭނާގެ ފިރިމީހާ އާއި އަންހެނަކާއިއެކު ތިބި ފޮޓޯތަކެކެވެ. ބުނީ އެއީ އޭނާގެ އަނބިމީހާ ކަމަށާއި މިދެމީހުން ވަގަށް ގުޅުން ހިންގާތާ އެތައް ދުވަހެއް ވެއްޖެކަމަށެވެ. މަޑުކޮށްގެން ހުރީ ފިރިހެން މީހާގެ ކައިވެނި ރޫޅި އޭނާގެ އަނބިމީހާ މިނިވަންވާނެ ދުވަހަކަށް ކަމަށެވެ. ސޯޝަލް މީޑިއާގައި އޭނާގެ އަނބިމީހާ ފޮލޯކުރަމުން އަންނަތާ ކިތަންމެ ދުވަހެއް ކަމަށާއި އޭނާގެ އަނބިމީހާއަކީ ވަރަށް ކަމުދާ އަނހެނެއް ކަމަށެވެ. ކައިވެނިކުރަން ބޭނުންވަނީވެސް އޭނާ އާއި ކަމަށެވެ."  

އޭނާގެ ވާހަކަތަކުގެ އަޑުއިވުމުން އަންހެންމީހާ ވަރަށް ޙައިރާންވިއެވެ. އަދި އޭނާވެސް ހުރީ ދެމީހުން ގުޅެންކަން ހާމަކުރިއެވެ. އެހިސާބުން ދެމީހުން ގުޅި ކޯޓަށް ދިއުމުން ގެ ގަނެފައިހުރީ ފިރިމީހާގެ ނަމުގައި ނަމަވެސް ޚަރަދުކުރީ އަނބިމީހާކަމަށްވުމުން ކޯޓުން އެންގީ އަނބިމީހާ ކުރި ޚަރަދު ވަގުތުން އަނބުރާދިނުމަށެވެ. ފިރިމީހާ ދިރިއުޅެމުން އައީ އަނބިމީހާގެ ތަނަވަސްކަމުގައި ކަމަށްވުމުން ފައިސާދޭން ނުލިބުމުން ގެ ލިބުނީ އަނބިމީހާއަށެވެ.  

ފިރިމީހާއަށާއި އޭނާގެ ލޯބިވެރިޔާއަށް ޖެހުނީ ގެއިން ނުކުމެ މަގުމަތިވާށެވެ. ދެން އެބާވަތުގެ ކަމެއް ނުކުރާނެ ކަމަށްބުނެ ފިރިމީހާ އޭނާގެ އަނބިމީހާ ގާތުގައި ރޮއި އާދޭސްކުރިއެވެ. ލޯބިވެރިޔާވެސް އޭނާގެ ފިރިމީހާގެ ގާތުގައި ހަމަ އެމޭރުމުން ރޮއި އާދޭސްކުރިއެވެ. ދެމީހުންކުރެ މީހަކު އެއިން އެއްވެސް ވާހަކައެއް އަޑުނުއެހީތީއެވެ. ދެމީހުންކުރެ އެކެއްގެ އަތުގައިވެސް އެއްވެސް ތަނަވަސަކަމެއް ނެތުމުންނެވެ.  

އުފާވެރިކަން ނުލިބިއްޖެނަމަ ވަރަށް ފުރިހަމަ ބަދަލެއްދޭ ގޮތަށް އަޅައިދިން ކޭކު ވެގެން ދިއައީ ދެމީހުންނަށްވެސް އުފާވެރިކަން ހޯދައިދިން ކޭކަކަށެވެ. ދެމީހުން ގުޅި ވިޔަފާރި ފުޅައުކޮށް މިހާރުވަނީ އިތުރު އައުޓްލެޓްތައް ހުޅުވައިފައެވެ. ދެމީހުންވެސް ދިރިއުޅެނީ ވަރަށް ލޯބިން އެހައިމެ އުފަލުގައެވެ. 

މިއީ ޙަޤީޤީ ޙާދިސާތައް ކަމަސް ބުނާ ޙާދިސާތައް ގެނެސްދޭ ޗެނެލަކުން އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ކުރުކުރު ޚުލާޞާއެކެވެ. މިވާހަކައަށް ދެވޭނެ ސުރުޚީތައް ވަރަށް ގިނައެވެ. ލިބޭ ޢިބްރަތް ބޮޑުވެފައި ފިލާވަޅުތައް ގިނަވީމައެވެ.  

އެއްކަމަކީ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އަމިއްލަ ނަމުގައި ނޫންގޮތަކަށް ބޮޑެތި ޚަރަދުތައް ކުރުމުން ލިބޭ ގެއްލުމެވެ. ކިތަންމެ ރަނގަޅުވެފައި ވަފާތެރިނަމަވެސް ޙަރާންކޯރުވުމޭ މިކިޔާ ނުބައި ސިފަ ހަރުލާފައި ތިބޭ މީހުން އިޞްލާޙް ނުވާނެކަމެވެ.  

ދެވަނަ ކަމަކީ އަމިއްލައަށް ފެންވަރެއް ނެތްކަން އިޙްޞާޞްނުކުރެވޭކަމެވެ. އެފިރިމީހާއަކީވެސް އަދި އެއަނބިމީހާއަކީވެސް އަމިއްލައަށް އެއްވެސް ފެންވަރެއް ނެތް ދެމީހުން ނަމަވެސް ބޭވަފާތެރިވާން ޖެހިލުން ނުވުމުންނެވެ.  

މިފަދަ ކަންކަން ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ހިނގަނީ މަދަކުން ނޫނެވެ. ވީމާ އެންމެ މުހިންމު ކަމެއްގެ ގޮތުން ފާހަގަކޮށްލަން ބޭނުންވަނީ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އިތުބާރުކުރަން ނުވާވަރަށް އިތުބާރު ނުކުރުމުގެ މުހިންމުކަމެވެ. ވަފާތެރިކަމާއި އިތުބާރު މިއަދު މިވަނީ ނެތިވެ ގޮސްފައިކަމަށް ބުންނަން ޖެހޭވަރަށް އެކަންކަން މިއަދުވަނީ ނެތިވެ ގޮސްފައެވެ. ވީމާ ހޭލުންތެރިވާން އެބަޖެހެއެވެ.

 

- ރުޝްދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން