ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާގެ ނުބައިކަމުން ކައިވެނި ރޫޅޭނީ މާފުރިހަމަ ބައިވެރިއަކު ދެއްވަންކަން ތަޖުރިބާކުރެވުނު ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާގެ ނުބައިކަމުން ކައިވެނި ރޫޅޭނީ މާފުރިހަމަ ބައިވެރިއަކު ދެއްވަންކަން ތަޖުރިބާކުރެވުނު ޒުވާނެއްގެ ވާހަކަ-

އަޅުގަނޑުވެސް ކައިވެނިކުރީ ލޯބިވެގެން އެކުގައި އަހަރެއްހައި ދުވަހު އުޅެ، ދެމީހުންގެ މިޒާޖާއި ބޭނުންވާ ކަންކަމާއި ދިރިއުޅުމުގައި ޙާޞިލްކުރަން ބޭނުންވާ ކަންކަމަކީ އެއްގޮތް ކަންތައްތަކެއް ކަމަށް ޤަބޫލުކުރެވިގެންނެވެ. ކައިވެނިކޮށްގެން ދިރިއުޅެމުން އައީ އަޅުގަނޑުމެންގެ ޢާއިލީ ގޭގައެވެ. ނަމަވެސް އަނބިމީހާ ބޭނުންވީ ދެމަފިރިން ވަކިން ދިރިއުޅުމަށެވެ. އެހެންވެ ބައްޕަގެ ގެއިން އަޅުގަނޑަށް ލިބިފައި ހުރި އެޕާޓްމަންޓަކަށް ބަދަލުވީމެވެ. 

އެއީ ވަރަށް ފަހުން ޢިމާރާތްކުރި ތަނެއް ނަމަވެސް އަނބިމީހާ އެތަނަށް ބަދަލުތަކެއް ގެންނަން ބޭނުންވިއެވެ. ބަދިގޭގެ ސެޓިންގތައް ބަދަލުކުރަން ބޭނުންވިއެވެ. އެކަމަށް އަޅުގަނޑުވެސް އެއްބަސްވީމެވެ. މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދައި އަގަކަށް އެއްބަސްވެ މަސައްކަތް ޙަވާލުކުރީމެވެ. 

4 ދުވަހުން ނިންމަން ބުނި މަސައްކަތް ކުރާތާ ހަފްތާއެއްވެ، ދިހަ ދުވަސްވެގެންދިއައިރުވެސް މަސައްކަތް ނިމޭނެ ގޮތެއް ނުވިއެވެ. ކޮންމެ ދުވަހަކުވެސް ބުނަނީ އަދި 2،3 ދުވަސް ނަގާނެ ކަމަށާއި މަސައްކަތް ލަސްވަނީ ފެންވަރު ރަނގަޅުކޮށް މަސައްކަތްކުރާތީ ކަމަށެވެ. 

އެއީ މަސައްކަތް ޙަވާލުކުރިތާ 12 ވަނަ ދުވަހެވެ. ހެނދުނު އޮފީހަށް ގޮސް މަސައްކަތްކުރަން އިނދެފައި ގޭގައި މަސައްކަތްކުރާތަން ބަލާލަން ޝައުޤުވެރިވީ ކީއްވެގެންކަމެއްވެސް ނުއެނގެއެވެ. ނަމަވެސް އެކަމަށް ހިތް ޝައުޤުވެރިވީވަރުން ގެއަށް ދިއައިމެވެ. 

ދޮރުހުޅުވައި ވަންއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ކުޑަކޮށް ޙައިރާންވެސްވިއެވެ. އެކަމަކު އެކަމާ އެހައި ބޮޑަށް ކަންބޮޑެއް ނުވަމެވެ. މަޑުމަޑުން ގޮސް ނިދާކޮޓަރީގެ ދޮރުހުޅުވިއިރު މަސައްކަތްކުރާ މީހާ އާއި އަނބިމީހާ އާއި ދެމީހުން އެނދުގައި ކުރަނީ އެހެން މަސައްކަތެކެވެ. 

ލިބުނު ޙައިރާންކަން ބޮޑުކަމުން ދޮރުލައްޕާފައި ގޮސް ސިޓިންގރޫމްގައި އިށިނދެލިތަނާ އަނބިމީހާ ނުކުމެގެން އައިސް ގާތުގައި އިށީނުމުން ތެދުވެ އެހެން ގޮނޑިއެއްގައި އިށީނީމެވެ. އެވަގުތު މަސައްކަތްކުރާ މީހާވެސް އަތުވެއްޖެއެވެ. 

އަޅުގަނޑު ބުނީމެވެ. "ވަރަށް ފެންވަރު ރަނގަޅުކޮށްކުރާ މަސައްކަތް ފެނިއްޖެއެވެ. މިހިސާބުން ދެން އިތުރަށް މިގެއަކު މަސައްކަތްކުރާނެ ކަމެއް ނެތެވެ. ދެމީހުންވެސް އަވަހަށް މިތަނުން ނުކުމެގެންދާށެވެ." 

އެހެންބުނުމުން އޭނާ ބުނީ މަސައްކަތް ނުނިންމަންޏާ އެއްބަސްވިއަގު ދޭންޖެހޭނެ ކަމަށާއި ހުރިހާ ކަމެއްކުރީވެސް އޭނާ ބޭނުންވެގެން ނޫން ކަމަށާއި އަނބިމީހާ ބޭނުންވެގެން ކަމަށެވެ. އަނބިމީހާ ބުނީ އެނދުގައި މަސައްކަތްކުރީ މަސައްކަތުގެ އަގުން ދެބައިކުޅައެއްބައި ކުޑަކޮށްދޭން ބުނީމާ އެކަމުގެ ބޭނުމުގައި ކަމަށެވެ. އަޅުގަނޑު ބުނީ 15،000 ރުފިޔާއަށް މަސައްކަތުގެ އަގު ނިންމާފައިވަނިކޮށް އެއިން ބައެއް ކުޑަކުރަން ބުނެފައިނުވާނެ ކަމަށެވެ. އަދި ހަށިވިއްކައިގެން ޑިސްކައުންޓް ހޯދަން ޖެހޭ ޙާލަތަށް ނުދާކަމަށެވެ. އަބަދުވެސް ކަންކަން ކުރަނީ އަތުގައި ފައިސާ ހުންނަ މިންވަރަކުން ކަމަށެވެ. އަދި އެނގިގެން ދިއައީ އަނބިމީހާގެ ޙަޤީޤަތް ކަމަށާއި ދަރިއަކު ނުލިބެނީސް ޙަޤީޤަތް އެނގުނީތީ ވަރަށް ބޮޑަށް އުފާކުރާކަމަށެވެ. 

އަޅުގަނޑު ބުނީ ދެމީހުންކުރެ މީހަކު ދައްކާނެ އިތުރު އެއްވެސް ވާހަކައެއް ނެތްކަމަށާއި ލޮލަށް ފެނުނު މިންވަރުން ފުދިއިތުރުވެއްޖެކަމަށެވެ. އެހެންބުނެފައި ދެމީހުންވެސް ގެއިން ނެރެލީއެވެ. 

އަހަރެންގެ ޢާއިލާ އާއިއެކު ދިރިއުޅެން އަނބިމީހާ ބޭނުންނުވި ސަބަބު އެހިސާބުން ވިސްނުނެވެ. ކޮންމެއަކަސް އަޅުގަނޑު ބެލީ އެއީވެސް ލިބުނު ފިލާވަޅަކަށެވެ. އެހެންވެ އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ކަންބޮޑެއްވެސް ނުވަމެވެ. 

ދުވަސްކޮޅެއް ފަހުން ދެވަނަ ކައިވެނިކުރީމެވެ. އޭނާވީ ވަރަށް ހެޔޮލަފާ ތަޤްވާވެރި އަންތބަކަށެވެ. ދީނީ ކަންކަމަށް އަޅުގަނޑުގެ ލޯހުޅުވައިދިނީ އޭނާއެވެ. ހަމައެކަނި ފަތިސްނަމާދަކަށް ނޫނެވެ. ދަމުނަމާދަށްވެސް ގޮވައި ހޭލައްވައެވެ. އެކަމުގެ ނަތީޖާވެސް މިވަނީ ފެނިފައެވެ. މިހާރު އަޅުގަނޑަކީ ވަޒީފާއަދާކުރާ މުވައްޒިފެއް ނޫނެވެ. އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެކެވެ. މިފެންވަރަށް އަޅުގަނޑަށް އާދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރީވެސް އަނބިމީހާއެވެ. އޭނާ ދިން ނަޞޭޙަތާއި ހިތްވަރެވެ. 

މިއަދުނޫހުގެ ކިޔުންތެރިނެ ގާތުގައި ބުނެލަން ބޭނުންވަނީ ކައިވެނީގައި ކިތަންމެ ބޮޑު މައްސަލައެއް ޖެހުނަސް އެހިސާބުން ނާއުންމީދުނުވާށެވެ! އެންމެން އެއްގޮތެއް ނުވާނެއެވެ. ދުނިޔޭގައި އުޅޭނީ ރަނގަޅު މީހުންނާއި ނުބައި މީހުންނެވެ. ދެބައިމީހުންވެސް އުޅޭނެއެވެ. 

ދެން ބުނެލަން ބޭނުންވީ ފުރަތަމަ އަނބިމީހާ އެގޮތަށް ކަންކަން ކުރުމުން އަޅުގަނޑަށް ލިބުނު ބޮޑު ފައިދާއެވެ. އެގޮތުން އެންމެ ބޮޑު ފައިދާއެއްކަމަށް ފާހަގަކުރަން ބޭނުންވަނީ ދީނުގެ ކަންކަމަށް ޝައުޤުވެރިވެވުނުކަމެވެ. ތަޤްވާވެރި ދިރިއުޅުމެއް އުޅެން ފެށުނު ކަމެވެ. އެކަމުން އެނގެނީ އަހަރެމެންގެ ޙަޔާތަށް ހެޔޮ ބަދަލެއް އަންނާނެ ގޮތާއި ވަޤުތު އަހަރެމެންނަށް ނުއެނގޭކަމެވެ. ވީމާ ކޮންމެ ބަދަލަކީ ހިތާމަކުރަންޖެހޭ ބަދަލެއްކަމަށް ނުވިސްނާށެވެ. 

- މުޙައްމަދު ރަޝީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން