ކަންނިގިއްލާގައި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކަންނިގިއްލާގައި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް ނިންމައިފި

ގދ. ހޯނޑެއްދޫ ކައުންސިލުން ކަންނިގިއްލާގައި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް ނިންމައިފިއެވެ.

މި މަޝްރޫޢަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ހޯނޑެއްދޫ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.

ކައުންސިލުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްރ٫ޢުގެ ދަށުން ކަންނިގިއްލާ ދޫކުރެވޭނީ 30 އަހަރުގެ މުއްދަތަށް، އަކަފޫޓަކަށް 60 ލާރީގެ ރޭޓުންނެވެ. މިގޮތުން، މި މަޝްރޫޢުގެ ސަބަބުން ކައުންސިލަށް 12.8 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ދަނޑުވެރިކަމުގެ އިތުރުން ޕޯލްޓްރީ ފާމިންގ އަދި މެރިކަލްޗަރގެ މަސައްކަތްވެސް ކުރެވޭނެކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ސަބަބުން އާމްދަނީ އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެކަމަށް ބެލެވޭކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން އިތުރަށް ހާމަކުރިގޮތުގައި، މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 21 ވަނަ ދުވަހެވެ. އަދި މި މަޝްރޫޢާއެކު އެ ސަރަހައްދުގެ ކާބޯތަކެތީގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރާކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫޢަކީ ގދ. އަތޮޅުގެ ދަނޑުވެރިކަމުގެ ދާއިރާއަށް އައު ހަރުފަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ އިޤްތިޞާދީ ތަރައްޤީއަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން