ރާއްޖެއިން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމަށް ޚާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ކަސްޓަމްސް އާއި ދިވެހިރާއްޖޭގެ ސިއްޙަތާބެހޭ ވުޒާރާއިންނެވެ.
ސިއްޙަތާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، 2015 އިން ފެށިގެން މެދުކެނޑިފައިވާ މި އެކްސްޕޯޓު، މިހާރު ހުއިފިލަނޑާ، ފަރުމަސް އަދި ކަނޑުމަހުގެ ބާވަތްތައް ހިމެނޭގޮތަށް އަލުން ފެށޭނެއެވެ. މިއީ ދިވެހި މަސްވެރިންނާއި މަސް އެކްސްޕޯޓުކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޗައިނާގެ ސަފީރު ވިދާޅުވީ މިއީ ދެ ޤައުމަށްވެސް ފައިދާވާނެ ކަމެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ދެ ޤައުމުގެ މެދުގައި ހިލޭ ވިޔަފާރީގެ އެއްބަސްވުމަށް (އެފްޓީއޭ) އަމަލުކުރަން ފެށުމާއެކު، މި އެކްސްޕޯޓު އިތުރަށް ފަސޭހަވެގެންދާނެކަމަށް ބެލެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައު ހިތްވަރެއް ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާއަށް މީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބި، ގިނަ ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެންދާނެކަމަށް ލަފާކުރެވެއެވެ.