ދުއިސައްތައަށްވުރެ ގިނަ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ގައިދީންނަށް ހިންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދުއިސައްތައަށްވުރެ ގިނަ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ގައިދީންނަށް ހިންގައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރު މިހާތަނަށް ރާއްޖޭގެ އެކި ޖަލުތަކުގައި ތިބި ގައިދީންނަށް 210 ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގާފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފިއެވެ.

މި ޕްރޮގްރާމްތައް ހިންގާފައިވަނީ މާފުށީ ޖަލު، ކ. ހިންމަފުށި ޖަލު، ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އަދި ހުޅުމާލެ ޖަލުގައެވެ. މީގެ ތެރެއިން އެންމެ ގިނަ ޕްރޮގްރާމް ހިންގާފައިވަނީ ކ. ހިންމަފުށި ޖަލުގައި ކަމަށްވާއިރު، އެ ޖަލުގައި 76 ޕްރޮގްރާމް ހިންގާފައިވެއެވެ. ދެން އެންމެ ގިނަ ޕްރޮގްރާމް ހިންގާފައިވަނީ މާފުށީ ޖަލުގައި ކަމަށްވާއިރު، އެ ޖަލުގައި 63 ޕްރޮގްރާމް ހިންގާފައިވެއެވެ. މީގެ އިތުރުން ހުޅުމާލެ ޖަލުގައި 40 ޕްރޮގްރާމް އަދި ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި 31 ޕްރޮގްރާމް ހިންގާފައިވެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އިން މަޢުލޫމާތު ދެއްވިގޮތުގައި މި ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ގައިދީންނަށް ސައްޙަ ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. 

މި ޕްރޮގްރާމްތަކަކީ ގައިދީންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އެ ފަރާތްތަކަށް ރަނގަޅު މަގު ދެއްކުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ބެލެވެއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުން ގައިދީންގެ އަޚްލާޤާއި ސުލޫކު ރަނގަޅުވެ، މުޖުތަމަޢަށް އަނބުރާ ނުކުމެވޭއިރު ހެޔޮލަފާ ރައްޔިތުންގެ ގޮތުގައި ދިރިއުޅުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. 

މި ޕްރޮގްރާމްތަކުގެ އިތުރުން، މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި އުމުރުފުރާއަށް އަމާޒުކޮށްގެން އެހެނިހެން ޕްރޮގްރާމްތަކާއި، ހުކުރު ދުވަހުގެ ދަރުސްތަކާއި، ދީނީ ފޯރަމްތައްވެސް އެ ވުޒާރާއިން އަންނަނީ ބާއްވަމުންނެވެ.                   

މިއަދު އޮންލައިން