އިމާމުންނާއި ޚަޠީބުންނަށް އިންޑޮނޭޝިޔާއަށް އިތުރު ތަމްރީން ޙާޞިލްކުރުމަށް ތަމްރީން ދަތުރެއްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ދަތުރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެންޑޮވްމެންޓް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސިވިލައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ 7 ދުވަހުގެ ދަތުރެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއްޔެ ހާމަކުރި ގޮތުގައި، ދަތުރުގައި ބައިވެރިވާ އިމާމުން އިންޑޮނޭޝިޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އަދި އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މި ދަތުރުގައި ބައިވެރިވާ އިވާ އިމާމުންގެ ހުރުމާއި، ކެއުން އަދި އެތެރޭގެ ދަތުރުފަތުރުގެ އިންތިޒާމް އިންޑޮނޭޝިޔާއިން ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި ދަތުރުގެ ޓިކެޓާއި ވިސާގެ ޚަރަދުތައް ކުރަން ޖެހޭނީ ބައިވެރިން އަމިއްލައަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސީނިއަރ އޮފިޝަލެއް ވިދާޅުވި ގޮތުގައި، އިމާމުންނަށް ރާއްޖެއާއި ރާއްޖޭން ބޭރު އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދެއްވދެއްވާކަމެކެވެ. އެގޮތުން މިއަހަރު މިހާތަނަށް އިމާމުން ވަނީ ސަޢުދީ އަރަބިއްޔާއަށާއި ބުރުނާއީއަށް އިތުރު ތަމްރީން ހޯދުމަށް ދަތުރުތައްކޮށްފައެވެ.
މި ދަތުރުގެ މަޤްޞަދަކީ އިމާމުންނާއި ޚަޠީބުންގެ ޢިލްމީ ފެންވަރު މަތިކޮށް، އިސްލާމީ ތަޢުލީމާއި ދަޢުވަތުގެ ދާއިރާއިން އިތުރު ތަޖުރިބާ ހޯދައިދިނުންކަމަށް ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، އިންޑޮނޭޝިޔާގެ އިސްލާމީ މަރުކަޒުތަކާއި ތަޢުލީމީ މުއައްސަސާތަކާ ގުޅުން ބަދަހިކުރުމަކީވެސް މި ދަތުރުގެ އަމާޒެއް ކަމުގައި ވުޒާރާއިން ފާހަގަކުރެއެވެ.