ތިމާގެ ރީތިކަން ފެނި ސައިޒްއޮޅޭ އަންހެނުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 3ސ
ތިމާގެ ރީތިކަން ފެނި ސައިޒްއޮޅޭ އަންހެނުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

ސޯޝަލް މީޑިއާއިން ބައްދަލުވެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެއްދި ދެމީހުންނެވެ. އެކަކީ ޢިމާރާތްކުރުމުގެ މަސައްކަތްކުރާ މިލިއަނަރެކެވެ. އަންހެން މީހާއަކީ ތަނަވަސް އަގުބޮޑު ދިރިއުޅުމަކަށް ބޭނުންވެ އެކަމަށް ވަރަށް ބޮޑަށް ފެންބޮވައިގެންފައި ހުރި އަންހެނެކެވެ. 

ދެކެވުނު ވާހަކަތަކުން އަންހެންމީހާގެ ބޭނުން މިލިއަނަރަށް އެނގުނެވެ. ނަމަވެސް އޭނާގެ ސިފަރީތިކަމުން ގުޅެން ބޭނުންވިއެވެ. އެހެންކަމާއިއެކުގައިވެސް އޭނާގެ ފެންވަރާއި މިޒާޖު ދަސްކޮށްލަން ބޭނުންވިއެވެ. 

މިލިއަނަރު އެދުނީ އޭނާ ޢިމާރާތްކުރަމުން އަންނަ ތަނަކަށްގޮސް އެތަނުގެ ކަންކަން ހިނގާ ގޮތް ބަލައި ރިޕޯޓެއް ތައްޔާރުކޮށްދިނުމަށެވެ. 3 ދުވަސްތެރޭގައި އެތަނަށް ގޮސް އޭނާ އާއި ބައްދަލުކޮށް ދެމީހުންގެ ގުޅުން އިތުރަށް ކުރިއަށްގެންދާ ގޮތަށްވެސް ނިންމިއެވެ. 

އަންހެންމީހާއަކީ އެދާއިރާއިން ކިޔަވައިގެންހުރިމީހަކަށްވުމުން އަނެއް ދުވަހު ސައިޓަށް ގޮސް އޭނާގެ ސިފަ ދައްކަން ފެށިއެވެ. މަސައްކަތްކުރާ މީހުންނަށް އެއްޗެތިގޮވައި އެމީހުންނަކީ ދަށުދަރަޖައިގެ މީހުން ކަމަށްބުނެ މަލާމާތްކުރަން ފެށިއެވެ. އޭނާ ބުނަމުން ދިއައީ 3 ދުވަސްފަހުން އޭނާ ކުންފުނީގެ ވެރިމީހާ އާއި ކައިވެނިކުރާނެ ކަމަށާއި އެއަށްފަހު އޭނާ ސައިޓަށް އައުމުން މުވައްޒިފުން ތިބެންޖެހޭނީ ކުޑަކަކޫ ޖަހައިގެން ކަމަށެވެ. 

މިލިއަނަރު ސޯޝަލްމީޑިއާގައި ބޭނުންކުރަނީ އޭނާގެ އަޞްލު ފޮޓޯއެއް ނޫނެވެ. މިލިއަނަރު އޭނާ ގާތުގައި އެގޮތަށް ބުނެފައި ސައިޓުގައި މަސައްކަތްކުރަމުން ދިއައީ ރާނާމީހަކަށް ހެދިގެންނެވެ. އަންހެން މީހާއަށް މިލިއަނަރުގެ އަސްލު ސިފަ ނުއެނގޭތީ ރާނާމީހާއަށްވެސް ދިއައީ އެއްޗެތިގޮވަމުންނެވެ. އެމީހުން ކާއެއްޗެތީގެ ފެންވަރުދަށްކަމުންވެސް މަލާމާތްކުރެއެވެ. 

މިލިއަނަރަކީ ކާކުކަމާއި އޭނާގެ ޙަޤީޤަތް އެނގެނީ އެންމެ މީހަކަށެވެ. އެއީ މިލިއަނަރު އެތަނަށްދާތީ ރަސްމީ މަސައްކަތްތަކުގައި އެހީތެރިވާން ހެޑްއޮފީހުން ސައިޓަށް ފޮނުވާފައި ހުރި އަންހެނެކެވެ. އޭނާގެ ކުރިމަތީގައިވެސް ހަޑިހުތުރު ބަހުރުވައިން އެއަންހެންމީހާ މިލިއަނަރަށް އެއްޗެތިގޮވައެވެ. އެކަމާއި ވަރަށް ރުޅިގަދަވެވެއެވެ. ނަމަވެސް މިލިއަނަރު ބުނެފައި އޮތީ އަނގައިން ނުބުނެ އޭނާ ކިޔާނެ އެއްޗެއް ކިޔަން ދޫކޮށްލާފައި ބެހެއްޓުމަށެވެ. 

3 ދުވަސްފަހުން މިލިއަނަރު ރަސްމީ ގޮތުގައި ސައިޓަށް ދިއައީ އެންމެ އަގުބޮޑުކާރެއްގައެވެ. އެއިރު އޭނާގެ އިންތިޒާރުގައި ދެއަންހެނުން ތިއްބެވެ. ރާނާ މީހާ ކާރުން ފޭބިތަން ފެނިފައި އަންހެން މީހާ ގޮސް އެހައި އަގުބޮޑު ކާރެއްގައި އާދެވުނީ ކިހިނެއްތޯ؟ އާއި މަސައްކަތު ނައިސް އެހައި ރީތި ހެދުމެއްގައި ސައިޓަށް އައީ ކީއްވެގެންތޯ ސުވާލުކުރިއެވެ. 

ރާނާ މީހާ ބުނީ މިއީ ވެރިމީހާގެ ކާރެއް ކަމަށާއި ވެރިމީހާ ބުނެގެން މިއަދު ޑްރައިވަރުކަން ކުރަނީކަމަށެވެ. އަންހެންމީހާ ބުނީ ވެރިމީހާ އާއި ކައިވެނިކުރުމަށްފަހު ކާރު ދުއްވަން ގެންގުޅޭނީ ޔުނިފޯމް އަޅުވާފައި ބައިތިއްބާ ޑްރައިވަރުން ކަމަށެވެ. ދެން އެކާރަށް ނުއެރުމަށާއި ކާރު ދުއްވާނީ އޭނާކަމަށްބުނެ ހަޑިއެއްޗެތިގޮވަމުން ކާރުގެ ތަޅުދަނޑި އަތުލަންވެސް އުޅުނެވެ. 

އެހިސާބަށް ކަންކަން ދިއުމުން އަނެއް އަންހެންމީހާއަކަށް މަޑަކުން ނުހުރެވުނެވެ. ބުނެވުނެވެ. "ބޮސް! މިއީ ދެން ތަންކޮޅެއް ބޮޑުވަރެވެ. ބޮސް ގުޅެން ތިއުޅެނީ މިވަރުގެ އަންހެނަކާތޯއެވެ؟" 

އަންހެންމީހާ އެހެން ބުނުމުން ވެގެން މިއުޅޭގޮތް އޭނާއަށްވެސް ވިސްނުނެވެ. ރާނާމީހަކަށް ހެދިގެން މިއުޅުނީ މިލިއަނަރުކަމާއި 3 ދުވަސްވަންދެން ދަށްކޮށްލައި އެއްޗެތި މިގޮވުނީ މިލިއަނަރަށްކަން ވިސްނުނެވެ. އެހެންވެ ފުރަތަމަވެސް ބުނީ އޭނާއަށް އެގޮތަށް ކަންކަންކުރެވުނުކަން އެއީ ކުރެވުނު ކުށެއް ނޫން ކަމަށާއި އެގޮތަށް ކަންކަންކުރެވުނީ މިލިއަނަރު އޭނާގެ ޙަޤީޤަތް އޮޅުވާލުމުން ބޮޑު އޮޅުމެއްގެ ތެރޭގައި ހުރެ ކަމަށެވެ. މިލިއަނަރުކަން އެނގުނުނަމަ ޢަމަލުކުރާނީ މުޅިން ތަފާތުކޮށް ކަމަށެވެ. 

މިލިއަނަރު އޭނާގެ މުވައްޒިފަށް ބުންޏެވެ. "އަހަރެންނަށް އޭނާ ވަރަށް ރީތިވީމާ މަސައްކަތް މިކުރީ ހަމަ ކައިވެނިކުރާށެވެ! އަހަރެން މެންދުރުކާ ބަތްޕާރުސަލް އޭނާއަށް ވެސް ދިން ދުވަހު އަހަރެންގެ މޫނަށް ޕާރުސަލް ޖެހީމާވެސް ހަމަ ފުރުޞަތުދިނީ ރީތިކަމުންނެވެ. އަހަރެން ފެންބޯ ކޫލަރުން ފެންތަށްޓެއް އަޅާފައި ދިނީމާ ސްޕްރިންގވޯޓަރއަށް ނުވެގެން ގަޔަށް ފެންތަށިޖެހީމާވެސް ފުރުޞަތު ދިނީ ހަމަ ރީތިކަމުންނެވެ. ހަމަ ޙަޤީޤަތުގައިވެސް މިއައީ ކައިވެނީގެ ޙަފްލާއަށް ބަލައެވެ." 

އެހެން ބުނާއިރަށް ލޯބިވެރިޔާ ބާރަށް އައިސް ބައްދާލަން އުޅެންފެށީމާ އެކަން ހުއްޓުވިއެވެ. ހުއްޓުވީމާ ބާރަށް ގޮސް އެރީ ކާރަށެވެ. ކާރަށް އެރީމާ މިލިއަނަރާއި މުވައްޒިފްވެސް ކާރަށް އަރައިގެން ދިއައީ މިލިއަނަރުގެ ގެއަށެވެ. އެއިރު ކައިވެނީގެ ރަސްމިއްޔާތު އޮތީ ތައްޔާރުވެފައެވެ. 

ރަސްމިއްޔާތުގައި އަނގޮޓި އަޅުވަން އަނގޮޓި ނަގާއިރަށް ދުވެގޮސް އިނގިލި ދިއްކުރުމުން މިލިއަނަރު އެންގީ އިން ގޮނޑީގައި އިށީނދެ އިނުމަށެވެ. އަނގޮޓި ހިފައިގެން މުވައްޒިފުގެ ގާތަށް ގޮސް މުވައްޒިފުގެ އިނގިލީގައި އަޅުވައި ކައިވެނީގެ ރަސްމިއްޔާތު ނިންމައިލީއެވެ. 

ނިންމާލުމުގެ ކުރިން މިލިއަނަރު ބުންޏެވެ. "މީނދަ އަންހެން މީހާ ރީތިކަމުން މިރަސްމިއްޔާތަށް އޭނާ ބަލައިދިއައީ އެންމެ ފަހު ފުރުޞަތު އިމްތިޙާނުކުރާނެ ގޮތެއް ވިސްނައި ފާސްވިނަމަ ހަމަ އޭނާ އާއި ކައިވެނިކުރާށެވެ. ނަމަވެސް ފޭލްވީއެވެ. ވީމާ ރަސްމިއްޔާތެއް އިންތިޒާމުކޮށްފައި ކައިވެނި ނުކުރެވުމަކީ ޤަބޫލުކުރެވޭ ކަމަކަށް ނުވާތީ ސޮފީ އާއި ކައިވެނިކުރީއެވެ. ސޮފީއަކީ ހަމަގައިމުވެސް ކިބުރުވެރި، ބޮޑާ، އިންސާނުންގެ ދަރަޖައަށާ ކުރާ މަސައްކަތަށްބަލައި އިހާނެތިކޮށްހިތާ އަންހެނެއް ނޫނެވެ. ނިކަމެތިންގެ އަގު ވަޒަންކުރާ އަންހެނެކެވެ. ނިކަމެތިންނަށް ސަމާލުކަންދީ އެހީތެރިވާ އަންހެނެކެވެ." 

ރަސްމިއްޔާތު ނިމުމުން މިލިއަނަރާއި ކައިވެނިކުރަން ވަޖިދުވި އަންހެން މީހާއަށް ޖެހުނީ ރޭރުވެގެންހުރެ ނުކުމެގެންދާށެވެ. ނުކުމެގެން ދިއައީވެސް "ކަލެއަކީ ރާނާ މީހެކޭ ބޮޑު ދޮގުވެރިއެކޭ މަކަރުވެރިއެކޭ ހުރިހާ ކަމެއް އޮޅުވައިލީއޭ ލަނޑުދިނީއޭ" ކިޔައި އެއްޗެތިގޮވަމުންނެވެ. 

މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. ބުނެލަން ބޭނުމީ ރީތިކަން ﷲ ދެއްވެވީމާ ތިމާއަށް ތިމާފެނި، ކައިވެނިކުރާނެ ތަނަވަސް މީހަކު ލިބިދާނެހެން ހީވާއިރަށް ހިތް އާސްމާނަށް އަރާ އަންހެނުންނަށް މިއީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ޢިބްރަތް ލިބިގަންނާށެވެ! 

މިބާވަތުގެ އަންހެނަކާއި އަޅުގަނޑުވެސް އެކުވެރިކަން ބާއްވަމެވެ. ލިބޭހައި ފައިސާއެއް 

އިތުރަށް ރީތިވާން ޚަރަދުކުރާއިރުވެސް ތަނަވަސް މީހުންގެ ތުންފުއްސަކަށްވެގެން އުޅޭއިރުވެސް އިންނާނެ މީހަކު ނުލިބެއެވެ. އަބަދުވެސް ޖެހެނީ ކޮންމެވެސް މީހެއްގެ ތުންފުއްސަކަށްވެގެން އުޅޭށެވެ. 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން