މިއަހަރު މުޅިއަކު 38 މަޝްރޫޢުއެއް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުالله މުއްޠަލިބް، ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއްޠަލިބް ވިދާޅުވީ މި 38 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 29 ފެނާއި ނަރުދަމާ މަޝްރޫޢު، 4 ބަނދަރު މަޝްރ٫ޢު، 3 ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، 1 ބިންހިއްކުމުގެ މަޝްރޫޢު އަދި 1 މަގުހެދުމުގެ މަޝްރޫޢުކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ 17 ނޮވެންބަރުގެ ނިޔަލަށް އިތުރު 21 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ކޮންސްޓަރަކްޝަން މިނިސްޓްރީ ހިންގުމާ ހަވާލުވެވަޑައިގަތްއިރު، 1.72 ބިލިއަން ރުފިޔާގެ ޕެންޑިންގ ބިލްތައް ފިނޭންސް މިނިސްޓްރީއަށް ނުފޮނުވާ ހުރިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ފެށުމަށް ތާވަލުކުރެވިފައިވާ މަޝްރޫޢުތަކާއި މިވަގުތު ކުރިއަށްދާ މަޝްރޫޢުތައް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، ތިލަމާލެ ބްރިޖުގެ އެންމެ ފަހުގެ ތަފްސީލީ ރިޕޯޓުވެސް މިނިސްޓަރ ނޫސްވެރިންނާ ހިއްސާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮންޓްރެކްޓަރ މެދުވެރިކޮށް އިތުރު ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތުގެ ދުވެލި އަވަސްކޮށް މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޙަށް ނިންމުމަކީ މިނިސްޓްރީގެ އަމާޒުކަމުގައިވެސް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ މުއްޠަލިބް ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިއަށްގެންދާ އެހެނިހެން މުހިންމު މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.