ސަރުކާރުން ޓެކްސީ ލައިން ޚިދުމަތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރު ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި، މިހާރު ޓެކްސީ ޚިދުމަތް ޒިންމާދާރު ގޮތެއްގައި ނުދެވޭތީ، އައު ނިޒާމުގެ ދަށުން މި ޚިދުމަތް ކޮމްޕިއުޓަރައިޒްޑް ސިސްޓަމެއްގެ ދަށުން ހިންގުމަށް ވަނީ ނިންމާފައެވެ. އަދި މި ނިޒާމުގެ ދަށުން ޓެކްސީތަކުގެ 20-25 އިންސައްތައަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
"މި ޚިދުމަތުގައި މަސައްކަތްކުރާ ޑްރައިވަރުންގެ 50 އިންސައްތައަކީ ދާއިމީ މުވައްޒަފުންގެ ގޮތުގައި ތިބޭނެ މީހުން. އަނެއް 50 އިންސައްތައަކީ ޕާޓްޓައިމް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ޑްރައިވަރުންނާއި ފަސިންޖަރުންގެ ރައްކާތެރިކަމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މި ޚިދުމަތް ދޭނީ ސަރުކާރު ކުންފުންޏަކުން ކަމަށާއި، މި ޚިދުމަތަށް އެއްވެސް ސަބްސިޑީއެއް ނުދޭނެ ކަމަށްވެސް މިނިސްޓަރު އަމީން ވަނީ ހާމަކުރައްވާފައެވެ. މި ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.