މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖޭގެ ރީތިކަމާއި ސަޤާފަތް ދައްކުވައިދޭ ލޭންޑްމާކް ފަރުމާކުރުމުގެ މުބާރާތެއް ދިވެހިންނަށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ ރާއްޖޭގެ މުހިންމު ސަރަޙައްދުތަކުގައި ބެހެއްޓުމަށް ޚާއްޞަ ލޭންޑްމާކްތަކެއް ފަރުމާކުރުމަށް ބާއްވާ މުބާރާތެކެވެ.
އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި، މި މުބާރާތުގައި ފަރުމާކުރެވޭ ލޭންޑްމާކްތައް ބެހެއްޓޭނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، މާލެ، ކަނޑުއަޑި، ގްރޭޓަރ މާލެ އަދި އިތުރު 3 ސަރަޙައްދެއްގައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ.
މުބާރާތުގައި އެންމެ މޮޅު 10 ފަރުމާއަށް 20,000 ރުފިޔާގެ ފައިސާގެ އިނާމަކާއި ގިފްޓް ޕެކެއް ދެވޭނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފައިވެއެވެ. އަދި ހުށަހަޅާ ފަރުމާތައް ވާންވާނީ 20 ފޫޓު އުސްމިނުގައި، ދެމެހެއްޓެނިވި ތަކެތިން ހަދާފައިވާ، ދިވެހި ތާރީޚާއި ސަރަޙައްދުގެ ސިފަތައް ހިމެނޭ ގޮތަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިއަހަރުގެ ނޮވެމްބަރު 30 ކަމަށާއި، ކޮންމެ ބައިވެރިއަކަށް ހުށަހެޅޭނީ އެންމެ އެއް ފަރުމާ ކަމަށްވެސް އެމްއެމްޕީއާރުސީން ހާމަކޮށްފައިވެއެވެ.
މި މުބާރާތަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދިނުމަށް ބާއްވާ މުބާރާތެއް ކަމަށް އެމްއެމްޕީއާރުސީގެ ސީއީއޯ ފާތިމަތު ޝަރ ޝަރީފް ވިދާޅުވިއެވެ.
"މި މުބާރާތުން އަޅުގަނޑުމެން އުންމީދުކުރަނީ ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި ބެހެއްޓޭނެ ފަޚުރުވެރި ލޭންޑްމާކްތަކެއް ހޯދުމަށް. މިއީ ދިވެހިންނަށް އެމީހުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމުގެ ރަނގަޅު ފުރުޞަތެއް," އޭނާ ވިދާޅުވިއެވެ.