ޗައިނާގެ ޑިސޭބަލްޑް ޕަރސަންސް ފެޑެރޭޝަނުން އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޗައިނާގެ ޑިސޭބަލްޑް ޕަރސަންސް ފެޑެރޭޝަނުން އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ޗައިނާގެ ޑިސޭބަލްޑް ޕަރސަންސް ފެޑެރޭޝަނުން ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޝިފާޒް މުހައްމަދުގެ އިތުރުން ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގައި ދިވެހިރާއްޖެއާއި ޗައިނާއިން އަމަލުކުރަމުންދާ އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރެވުނެވެ. މީގެ އިތުރުން، ޙާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރެވިދާނެ މުހިންމު އުކުޅުތަކާ ގުޅޭ ގޮތުންނާއި، އެކަމާ ގުޅޭ މުހިންމު ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ބައްދަލުވުމަށްފަހު ޗައިނާގެ ވަފުދުން ވަނީ މާލޭގައި ހުރި ޢިމާދުއްދީން ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ސްކޫލުގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު އެއްކުރެއްވިއެވެ. އަދި ޙާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދިނުމަށް އެ ސްކޫލުގައި ގާއިމުކޮށްފައިވާ އެކި އެކި ވަސީލަތްތައް ބައްލަވައިލެއްވިއެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޙާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ތަޖުރިބާ ހިއްސާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން