ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުނެގުމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ގޯތި ލިބުނު ސަރަޙައްދުތައް ކަނޑައެޅުމަށް އަލުން ގުރުއަތުނެގުމާ ގުޅިގެންނެވެ
ވުޒާރާއިން ބުނާ ގޮތުގައި، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަނާޅާ ފަރާތްތަކަށް ފަހުން އިތުރު ފުރުޞަތެއް ނުދެވޭނެ ކަމަށް ވުޒާރާއިން އަންގާފައިވެއެވެ.
ގުޅީފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 3،520 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށްވެސް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، ގުޅީފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި އިތުރު ބިން ހިއްކުމުން ގުޅީފަޅު ތަރައްޤީކުރުމުގެ މަޝްރޫޢު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅީފަޅު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށްވާއިރު، މި މަޝްރޫޢުގެ ސަބަބުން މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.