އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "ޙައްޖު، ޢުމްރާ ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ 15,000 އާއި 20,000 ރުފިޔާއާ ދެމެދުގެ އަގުހެޔޮ އުމްރާ ޕެކޭޖްތައް ތަޢާރަފްކުރުމަށް ގޮވާލައްވާފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، އަހަރުގެ ކޮންމެ އިރެއްގައިވެސް ރައްޔިތުންނަށް އުމްރާއަށް ދެވޭނެ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި އަގުހެޔޮ ޕެކޭޖްތައް ތަޢާރަފްކުރުމަށް އުމްރާ ޚިދުމަތްދޭ ކުންފުނިތަކަށް ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނަށް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން. އެހެންކަމުން، 15,000 އާއި 20,000 ރުފިޔާއާ ދެމެދުގެ އަގުގައި އުމްރާ ޕެކޭޖްތައް ތަޢާރަފްކުރުމަށް އަޅުގަނޑު ގޮވާލަން," މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރުން ފެށިގެން އެންމެ ރަނގަޅު 5 އުމްރާ ކުންފުންޏަށް ސްޓަރ ދޭން ފަށްޓަވާނެކަން މިނިސްޓަރު އިޢުލާންކުރެއްވިއެވެ. މިއީ އުމްރާ ޚިދުމަތްދޭ ކުންފުނިތަކުގެ މެދުގައި ހެޔޮ ވާދަވެރިކަމެއް އުފެއްދުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށްގެން އަޅުއްވާ ފިޔަވަޅެކެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޙައްޖާއި ޢުމްރާގެ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކޮށް، އަދި މި ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.