ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމެއް ޤާއިމުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމެއް ޤާއިމުކުރަން ނިންމައިފި

ސަރުކާރުން 248 ސިޔާސީ މުވައްޒަފުން މަދުކޮށް، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމެއް ޤާއިމުކުރަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.

ހީނާ ވަލީދުގެ ޕޯސްޓުގައި ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައިވާކަމަށެވެ. 

ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، ކުރުންތެރިކަން އިތުރު ކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން މިހާރު ވަނީ ނިންމާފައިކަމަށާއި މިނިޒާމަށް ވަރަށް އަވަހަށް ޢަމަލު ކުރަން ފަށާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޒިންމާދާރުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. މި ނިޒާމުގެ ތަފްސީލުތައް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

މި ބަދަލުތަކަކީ ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޚަރަދު ކުޑަކުރުމަށާއި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބައެއްކަން ފާހަގަކުރެވެއެވެ. ސަރުކާރުން މި ފިޔަވަޅުތަކުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެކަމަށް އުންމީދުކުރެއެވެ.

މިއަދު އޮންލައިން