ގެދޮރުވެރިކަމުގެ ލޯނަށް 1 ބިލިޔަން ރުފިޔާ ބަޖެޓުގައި ކަނޑައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ގެދޮރުވެރިކަމުގެ ލޯނަށް 1 ބިލިޔަން ރުފިޔާ ބަޖެޓުގައި ކަނޑައަޅައިފި

ދިވެހި ސަރުކާރުން 2025 ވަނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކުރުމަށް 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމަނައިފިއެވެ. މީގެ ތެރެއިން 5% އިންޓްރެސްޓްގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް 1 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ބޯހިޔާވަހިކަމުގެ ރަން ޒަމާނެއްގެ ވަޢުދާ އެކުގައެވެ. މި ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ފަށާފައެވެ.

ރައީސް މުޢިއްޒުގެ ތަޞައްވުރަކީ 20 އަހަރަށް ބަހާލައިގެން 65,000 ގެދޮރު ޔަގީންކޮށްދިނުމެވެ. މި ގޮތުން "ރަސްމާލެ" މަޝްރޫޢުން އެކަނި 37,000 ގެދޮރުގެ ޔަގީންކަން ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، ގުޅީފަޅާއި ގިރާވަރުފަޅުގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް މަސައްކަތްކުރެވެމުންދާ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.

ސަރުކާރުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން ފެށި ފްލެޓް މަޝްރޫޢުތައް ނިންމުމަށްވެސް މަސައްކަތްކުރެވެމުންދެއެވެ. އަދި އެއްމެދު އިމާރާތުގެ ޤާނޫނާއި އުސޫލުތައް އިޞްލާޙުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.

މި އެންމެހައި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން