ކައުންސިލުތަކަށް އޮންނަ ހިއްސާއާއި ދައުރު މިހާރަށް ވުރެ ވެސް ބޮޑުވުމަކީ، ދެކެން ބޭނުންވާ މަންޒަރާއި، އުއި، އުންމީދުކުރާ ދުވަސް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މި ވާހަކަ އެ މަނިކުފާނު ވިދާޅުވީ އިއްޔެ ރޭ ކޮޅުމަޑުލުގެ ވެރިރަށް ވޭމަންޑޫގައި ބޭއްވުނު ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، "ރަށްރަށުގައި ކުރާ ކަންތައްތައް އެއީ ނަރުދަމާ ކަމަށް ވިއަސްވެސް، އެއީ ފެނުގެ ޚިދުމަތް ކަމަށް ވިއަސްވެސް، ނުވަތަ ކަރަންޓުގެ ޚިދުމަތެއް ކަމަށް ވިޔަސްޔަސްވެސް، ނުވަތަ އެ ރަށެއްގައި ދައުލަތުން ނުވަތަ ސަރުކާރުގެ ފަރާތުން ވަކި މުއައްސަސާއެއް ޤާއިމްކުރުން ކަމަށް ވިޔަސްވެސް، އެ ކަމެއް ކުރުމުގައި ރައްޔިތުންގެ ފަރާތުން ވާހަކަދައްކާ މަޝްވަރާކުރަން ތިބޭ ބަޔަކީ ކައުންސިލުތައް" ކަމަށެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ ފަރާތުން ކުރާ ކޮންމެ ކަމެއްގައި ރައްޔިތުންނާ ހަމައަށް އައިސްގެން އެ ކަމެއް ކުރާ ކަމަށް ވާނަމަ، އެ ކަމެއްގައި ރަށްރަށުގެ ކައުންސިލްގެ ދައުރު އޮންނަންޖެހޭ ކަމަށާއި، ކައުންސިލުގެ ހިއްސާ އިތުރުވާންޖެހޭ ކަމަށާއި، އަދި އިތުރު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ހިނގަމުންދާ ލާމަރުކަޒީ ނިޒާމު ތަޢާރަފުކުރެވިގެން ދިޔައީ ވެސް، އަދި މިހާ ހިސާބަށް އައިއިރު ވެސް ލާމަރުކަޒީ ނިޒާމަށް ބަދަލުގެނައުމަށް ޓަކައި ޤާނޫނު އަސާސީ ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ވެސް ގިނަ އިޞްލާޙުތަކެއް މިހާރު ވެސް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮޅުމަޑުލު އިސްވާރުންގެ މަހާސިންތާ 2024 ގައި ކޮޅުމަޑުލުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި، ސެކްރެޓަރީ ޖެނެރަލުންނާއި، އަތޮޅުގެ ކަންކަން ބަލަހައްޓަވާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި ޚާއްޞަ މަންދޫބުންނާއެކު ގާތްގަނޑަކަށް 40 އެއްހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މި މަހާސިންތާ ނިމޭނީ މިއަދުއެވެ.