ނޮވެމްބަރު 3 އަދި 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވީ ނަމަވެސް، މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓު ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދޭނެ ކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރެވޭނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
"ބަންދު ދުވަސްތަކުގައިވެސް ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ. އަދި އިމަރޖެންސީ ޙާލަތްތަކުގައިވެސް ޚިދުމަތް ލިބޭނެ," އިމިގްރޭޝަނުން ބުންޏެވެ.
މީގެއިތުރުން، ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ދުރާލާ ޕާސްޕޯޓުގެ މުއްދަތު ބަލައި ހުށަހެޅުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.
މި ފިޔަވަޅުތަކަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯޓު ޚިދުމަތް ލިބިދިނުމަށް އިމިގްރޭޝަނުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.