ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ "އޮޅު ހިޔާ" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 12ސ
ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ "އޮޅު ހިޔާ" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. މި ސަރުކާރުގެ ހަފްތާ 14ގެ ވަޢުދުތަކުގައި ހިމެނޭ މި ފެސިލިޓީ އެމަނިކުފާނު ހުޅުއްވައިދެއްވީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް-2 ގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢުއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫޢެއްކަމަށެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫޢު ކުރިއަށް ނުގެންދެވުނީކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅު ހިޔާ މަޝްރޫޢު ހަޤީޤަތަކަށް ހެދުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި މަސައްކަތަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ރާއްޖޭގައި މިފަދަ ދިރޭތަކެތި ރައްކާތެރިގޮތެއްގައި ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ނަމުގައި މިނިސްޓްރީއެއް ޤާއިމުކުރެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ފެސިލިޓީ ޤާއިމުކުރުމަށް ބިން ހަމަޖައްސަވައި ހުރިހާ ވަޞީލަތްތަކެއް މަގުފަހިކޮށްދެއްވައި މި މަޝްރޫޢު ކުރިއަށްގެންދިއުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި މިއީ ރައްޔިތުންގެ ފަޅީގައި ތިބެގެން މަސައްކަތް ކުރައްވާ ސަރުކާރެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި ދެވަނަ ވިސްނުމެއް ނެތްކަމަށާއި ހުރިހާ ކަމެއްވެސް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިފަދަ (މަގުމަތީގައި ބުޅާ ގިނަވުން) ކަންތައްތައް ހައްލު ކުރުމަށް ސަރުކާރުން އިސްކަންދޭނެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން. މިކަމުގައި ދެވަނަ ވިސްނުމެއް ނެތް. ރައްޔިތުންގެ އިހުސާސްތަކަކީ ކޮބައިތޯ ބަލާ ރައްޔިތުންނަށްޓަކައި ކަންތައްތައް ނިންމަމުން މިދަނީ" ރައީސް ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގައި އެންމެ ބޮޑަށް އެންމެ އިސްކަމެއް ދީގެން އަޅުގަނޑުމެން މަސައްކަތްކުރަމުންދާކަން އެއީ ފެންނަން އޮތް ހަޤީޤަތް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތްތައްވެސް މި ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުފަހިކޮށްދެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުންވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާ ގުޅިގެން ރައްޔިތުން ބޭނުންވާކަންކަން ފަހިކޮށްދެއްވުމަށް މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެޓް ކެއަރ ފެސިލިޓީ، "އޮޅު ހިޔާ" ހުޅުއްވައިދެއްވައި އެތަން ބައްލަވާލައްވާފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި "އޮޅު ހިޔާ" އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެމަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.

މިއަދު އޮންލައިން